ކަނާއަތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމަށް މެލޭޝިއާއަށް ދިޔަ ދިވެހި ޤައުމީ ޓީމްގެ ސްކޮޑުން ބަކީވި ވީބީގެ އަހުމަދު ސައީދު (އައްމަޓީ) މުބާރާތުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށް އޭނާ ބުނެފިއެވެ.

ފަސް ކުޅުންތެރިން ބާކީކޮށް 26 ކުޅުންތެރިންނާ އެކު ތަމްރީން ހޯދުމަށް ގައުމީ ޓީމު މެލޭޝިއާއަށް ދިޔުމުގެ ކުރިން ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ ބުނީ މެލޭޝިއާ އަށް ގޮސް މުބާރާތަށް ގެންދާނެ 20 ކުޅުންތެރިން ކަނޑައަޅާއިރު، އ އައްމަޓީ ފިޓްވެއްޖެ ނަމަ އޭނާ އަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މުބާރާތައްދާ ޓީމުގެ ސްކޮޑަށް ނަގާފިނަމަ ކުޅެން ބޭނުން ވެފައި ހުރި އައްމަޓީ މިއަދު ބުނީ، ކަނާއަތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ މިހާރު މުޅިން ރަނގަޅު ވެއްޖެ ކަމަށައި އެއްވެސް އުދަގުލެއް ނެތި މުބާރާތުގައި ކުޅެވޭނެ ކަމަށެވެ.

"މިހާރު މުޅިން ރަނގަޅު، ކުޅެވޭނެ. ކުރިންވެސް ހުރީ އަނިޔާވެފަ. އެކަމަކު ބޮޑަށް އަނިޔާވީ އެފްއޭކަޕްގެ ތެރެއިން" 2008 ވަނަ އަހަރުގެ ތަށި ދިވެހި ޤައުމީ ޓީމް އުފުލާލިއިރު ޓީމް މުގައި މުހިންމު ދައުރެއް އަދާކުރި އައްމަޓީ ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް މިމަހުގެ 29 ވަނަ ދުވަހު ޤައުމީ ޓީމް އިންޑިއާއަށް ދިއުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އަންނަ މަހުގެ ދެ ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.