އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓްގެ ގޮތުގައި އަންނަ އަހަރަށް 64 މިލިއަން ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީއިން ނިންމި ގޮތަށް އޮޑިޓާ ޖެނެރަލް އޮފީހަށް 64 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 82 މެންބަރުންގެ އިއްތިފާގުންނެވެ.

ވޭތުވެ ދިޔަ އަހަރު އޮޑިޓާ ޖެނެރަލް އޮފީހަށް ހަމަޖެއްސީ 60 މިލިއަން ރުފިޔާފެ ބަޖެޓެކެވެ. އެ އަދަދު 64.91 މިލިއަން ރުފިޔާއަށް ބޮޑުކޮށް އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް މިދިޔަ ހަފްތާގައި މާލިއްޔަތު ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރުގެ ބަޖެޓްގެ 36 ޕަސެންޓް ހަރަދުކުރަނީ މުވައްޒަފުންނަށް ހިނގާ ހަރަދަށެވެ. އެއީ 43 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން އޮޑިޓް އޮފީހުގެ ދަތުރު ބަޖެޓަށް 4.8 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އޮޑިޓް އޮފީހުގެ 2020 ވަނަ އަހަރުގެ ހަރަދުތައް ހިނގާނެ ގޮތް

  • އޮޑިޓަ ޖެނެރަލްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް - 795،000

  • މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށް - 43.98 މިލިއަން ރުފިޔާ
  • ޕެންޝަން ފައިސާއަށް - 1.25 މިލިއަން ރުފިޔާ
  • މުވައްޒަފުން ތަމްރީނު ކުރުމާއި ފެންވަރު މަތިކުރުން - 1.74 މިލިއަން ރުފިޔާ
  • ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކުގެ ހަރަދު - 4.89 މިލިއަން ރުފިޔާ

މިއީ 2020 ވަނަ އަހަރުގެ ތެރޭގައި ހަރަދު ހިނގާނެ ކަމަށް އޮޑިޓް އޮފީހުން ލަފާ ކުރާ ގޮތެވެ.

މުވައްޒަފުންގެ މުސާރައަށް ބޮޑު އަދަދެއް ބޭނުންވާ ކަމަށް އޮޑިޓް އޮފީހުން ލަފާކޮށްފައި ވަނީ މި އަހަރުގެ ފަހު ކުއާޓާއިން ފެށިގެން މުވައްޒަފުންނަށް އިތުރު ގަޑި ދޭން ނިންމާފައިވާތީ އެވެ.

އެކަން ކަމަށް ބަލައި ކޮމިޓީ އިން ނިންމާފައި ވަނީ 64 މިލިއަންގެ ބަޖެޓެއް ފާސްކޮށްދިނުމަށެވެ.

އޭގެ އިތުރުން ޕީއެސްއައިޕީގެ ދަށުން އޮޑިޓް އޮފީހުގެ އޮފީސް އިމާރާތެއް އެޅުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 55.75 މިލިއަން ރުފިޔާ، ފިނޭންސް މިނިސްޓްރީއިން ދިރާސާކުރުމަށް ފަހު ނިއުޕޮލިސީ އިންނިޝިއޭޓިވްގެ ދަށުން ބަޖެޓުގައި ހިމެނުމަށް ނިންމައި މަޝްރޫއުތަކުގެ ތެރޭގައި ހިމެނިއްޖެ ނަމަ އެ އަދަދު އޮޑިޓް އޮފީހުގެ ބަޖެޓަށް އިތުރުކޮށްދިނުމަށް މާލިއްޔަތު ކޮމިޓީއިން ވަނީ ނިންމާފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓް ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކުން ވަނީ ދައްކައިފަ އެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ "2020-2022 ފިސްކަލް ސްޓްރެޓެޖީ" ބަޔާނުގައި ބުނެފައިވާގޮތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓް 39.55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.