ރާއްޖޭގެ ސިއްހީ ދާއިރާ އަށް އަމާޒުކޮށް ޕަބްލިކް ހެލްތު ފޯރަމެއް އަންނަ ހޯމަ ދުވަހު ފަށާގޮތަށް ނިންމައިފި އެވެ.

"ނެޝަނަލް ކޮންފަރެންސް އޮން ރީވަޓަލައިޒިންގ ޕަބްލިކް ހެލްތު: ވޯކިންގް ޓުގެދާ ފޯ އަ ހެލްދިއާ ނޭޝަން"ގެ ނަމުގައި ކުރިއަށްދާ އެ ފޯރަމް ބޭއްވުމަށް ހަމަޖައްސައިފައި ވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓްގަ އެވެ.

ހޯމަ އިން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފޯރަމްގައި ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން ތަންފީޒް ކުރުމުގެ ގޮތުން ގައުމީ ފެންވަރުގެ ޕްލެޓް ފޯމެއްގައި ގުޅުން ހުރި ދާއިރާތައް ހިމެނޭ ގޮތަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ފޯރަމް ކުރިއަށް ގެންދަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ (ޑަބްލިއުއެޗްއޯ)ގެ އެހީއާ އެކު އެވެ.

އެ ކޮންފްރެންސްގެ މައިގަޑު މަގްސަދުތަކުގެ ތެރޭގައި އާބާދީއަށް އަންނަ ބަދަލުތަކާއި އެކު އާބާދީގެ ސިއްހީ މައްސަލަތައް ހައްލު ކުރުމަށް ގައުމީ ސިޔާސަތު ރާވާ ފަރާތްތަކާއި ދާއިރާގެ ނިންމުންތައް ނިންމާ ފަރާތްތަކަށް މައުލޫމާތުދީ އަހުލުވެރިކުރުން ހިމެނެއެވެ.

އޭގެ އިތުރުން ސިއްޙީ ގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުމަށް އެންމެން އެއްކޮށް މަސައްކަތް ކުރުމުގެ މުހިއްމުކަމާއި އަދި މިގޮތަށް މަސައްކަތް ކުރުމުން އަންނާނެ ރަގަޅު ބަދަލާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.