28 Oct 2019, 15:34
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ ބިލް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަކުން އެ ބިލް ދިރާސާ ކުރުމަށް ނިންމައިފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ބިލް ބަލައިގަތުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 82 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނު އަސާސީގެ އަށް ވަނަ ބާބަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސް ނުވަތަ މޭޔަރާއި އޭނާގެ ނައިބު އިންތިހާބުކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމެވެ.
އަދި ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލުގައި ތަމްސީލުކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށް ޓަކައި، އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމުގައި ވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ކަނޑައަޅަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
އޭގެ އިތުރުން ދެން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލުތަކުގެ އުމުރު، ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމެވެ.