ވޮޝިންޓަން (އޮކްޓޯބަރު 28): ދުނިޔޭގެ އެކި ގައުމުތަކުގައި ޓެރަރިސްޓު ހަމަލާތައް ދީފައިވާ އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ މަރާލުމުން އެޖަމާއަތަށް އައްޔަން ކުރާނެ އާ ލީޑަރަކު ކަނޑައަޅާފައިވާ ކަމަށް އެމެރިކާގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.

ނަން ހާމަކޮށްފައި ނުވާ އިންޓެލިޖެންސް އޮފިޝަލަކާ ހަވާލާދީ ނިއުސްވީކްގައިވާ ގޮތުން އައިއެސްގެ އާ ލީޑަރަކަށް ވާނީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ އަސްކަރިއްޔާގެ ކުރީގެ އޮފިސަރެއް ކަމަށްވާ އަބްދުﷲ ގަރުދާޝް އެވެ. އަދި ބަޣުދާދީ މަރުވުމުގެ ކުރިން، މިދިޔަ އޮގަސްޓު މަހު ގަރުދާޝް ވަނީ އައިއެސްގެ މަސައްކަތްތައް ބެލެހެއްޓުމާ ހަވާލުވެފަ އެވެ.

"ބަޣުދާދީއަކީ ރަމްޒީ ލީޑަރެއް. އޭނާ އައިއެސްގެ އޮޕަރޭޝަންތަކުގައި ބައިވެރިއެއް ނުވޭ. ބަޣުދާދީ ކުރި ހަމައެކަނި ކަމަކީ އާނއެކޭ ނުވަތަ ނޫނެކޭ ބުނުން. އެއްވެސް ރޭވުމެއްގައި ބައިވެރިއެއް ނުވޭ،" ނިއުސްވީކަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ގަރުދާޝް އާއި ބަޣުދާދީ ބައްދަލުވީ 2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އަރާ ސައްދާމް ހުސެއިންގެ ވެރިކަން ވައްޓާލި ފަހުންނެވެ. އެއީ ބަޣުދާދީ އުފެއްދި ޖަމާއަތަކުން އެމެރިކާގެ ފައުޖުތަކަށް ހަމަލާ ދިނުމުން، އެމެރިކާ ސިފައިން ބަޣުދާދީ ހައްޔަރުކޮށް ގައިދުހާނާއަކަށްލުމުންނެވެ. އޭރު ގަރުދާޝް ވެސް ހުރީ އެތަނުގައި ހައްޔަރުކޮށްފަ އެވެ. އަދި ދެ މީހުންގެ ގުޅުން ބަދަހިވީ އެހާހިސާބުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބަޣުދާދީ މަރުވެފައި ވަނީ އެމެރިކާގެ އަސްކަރިއްޔާ އިން ސީރިއާގެ ބަރީޝާގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އަދި އޭނާ މަރުވީ ގޮވާތަކެތި ހަރުކޮށްފައިވާ ކަމަރެއް ގޮއްވާލައިގެން އަމިއްލައަށެވެ. އޭނާއާ އެކު އޭނާގެ ތިން ކުޑަކުދިން ވެސް މަރުވި ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.

އައިއެސްއަކީ ފަހުގެ ތާރީޚުގައި އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ހަރުކަށި އެންމެ މުއްސަނދި އަދި ނުރައްކާތެރި ޖަމާއަތެވެ. މިޖަމާއަތް 2012 ވަނަ އަހަރު އާދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުން ގޮސް 2014 ވަނަ އަހަރު އިރާގާއި ސީރިޔާގެ ބޮޑުބައި ހިފައި އިސްލާމީ ޚިލާފަތުގެ ނަމުގައި ތަކްފީރީ ވިސްނުމުގެ ވެރިކަމެއް ވެސް އިއުލާންކުރި އެވެ.

އަދި 29 ޖޫން 2014ގައި ބަޣުދާދީ، އިރާގުގެ މޫސަލްގެ ނޫރީ މިސްކިތުގައި އިސްލާމީ ޚިލާފަތެއް އިއުލާނުކޮށް، އޭނާއަކީ މުސްލިމުންގެ ޚަލީފާކަމަށް އިއުލާނުކުރި އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިމުން އެ ދައުލަތަށް ހިޖުރަކުރުމަށާއި މުދަލާއި ނަފްސާ އަދި ދުއާއިން އެދައުލަތަށް ވާގިވެރިވުރުމަށް އޭނާ ގޮވާލި އެވެ.

ނަމަވެސް ހަމަ އެ އަހަރު އެމެރިކާ އިސްވެ އޮންނަ ކޯލިޝަނަކުން އިރާގާއި ސީރިއާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށި އެވެ. އަދި 2017 ވަނަ އަހަރު އިރާގުން އައިއެސްގެ ޚިލާފަތު ނައްތާލާފައިވާ ކަމަށް އެގައުމުގެ އޭރުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ އިއުލާން ކުރެއްވި އެވެ. އަދި ސީރިއާގައި އެމެރިކާގެ އެހީއާ އެކު އައިއެސްއާ ހަނގުރާމަ ކުރި ސީރިއަން ޑިފެންސް ފޯސެސް (އެސްޑީއެފް)އިން، އެގައުމުންވެސް އައިއެސްގެ ޚިލާފަތު ނިމުމަކަށް ގެނެސްފައިވާ ކަމަށް މިދިޔަ މާޗް މަހު އިއުލާން ކުރި އެވެ.