ޓްރިޕޮލީ (ނޮވެމްބަރ 19) : އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް ގައްޒާފީ ހައްޔަރުކުރެވިއްޖެ ކަމަށް ލީބިޔާއިން ބުނެފިއެވެ.

ލީބިޔާގައި ވެރިކަންކުރާ ޤައުމީ އިންތިޤާލީ މަޖިލީހުގެ ޖަސްޓިސް މިނިސްޓަރ މުޙައްމަދުލްޢުލާޤީ އާ ހަވާލާދީ ދާދިދެންމެއަކު ރޮއިޓާސް ބުނިގޮތުގައި ލީބިޔާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ އުބާރީގެ ކައިރީގައި ފިއްލަވައިގެން އުޅުއްވަނިކޮށް މިއަދު މެންދުރެއްހާއިރު ހަނގުރާމަވެރިން ވަނީ ސައިފުލްއިސްލާމް ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރެވުނުއިރު ސައިފް ހުންނެވީ ފުރިހަމަ ސިއްޙަތެއްގައި ކަމަށާއި އޭނާއާއެކު އޭނާގެ ބޮޑީގާޑުންތަކެއްވެސް ހައްޔަރު ކުރެވުނު ކަމަށް ލީބިޔާގެ ޖަސްޓިސް މިނިސްޓަރ މުޙައްމަދުލްޢުލާޤީ ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މުޢައްމަރުލްޤައްޒާފީ ލީބިޔާގައި ކުރެއްވި 42 އަހަރުވީ ވެރިކަން މިދިޔަ އޮކްޓޯބަރ މަހުގެ ފަހުކޮޅު ވެއްޓުމަށްފަހު ފިއްލަވައިގެން އުޅުއްވަނިކޮށް މިދިޔަ އޮކްޓޯބަރ މަހު ހަނގުރާމަވެރިންވަނީ ގައްޒާފީ ހޯދުމަށްފަހު ވަރަށް އިހާނާތްތެރިގޮތަކަށް އޭނާ އަވަހާރަކޮށްލާފައެވެ. ނަމަވެސް އުމުރުފުޅުން 39 އަހަރުގެ ސައިފުލްއިސްލާމް އުޅުއްވަނީ އޭރުއްސުރެ ފިއްލަވައިގެންނެވެ.

ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުން ހިންގި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގައި ސައިފުލްއިސްލާމްގެ ދައުރެއްވާ ކަމަށް ތުހުމަތުކޮށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުންވަނީ ސައިފުލްއިސްލާމް ހައްޔަރުކުރުމުގެ އަމުރެއްވެސް ނެރެފައެވެ. (ރޮއިޓާސް)