28 Oct 2019, 14:33
ރިޔާސީ އިންތިހާބުގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި މަހުގެ 16 ވަނަ ދުވަހު މަޖިލީހުން ފާސްކުރީ ރިޔާސީ އިންތިހާބުގެ ގާނޫނޫގެ ހަތް ވަނަ މާއްދާގެ ނ. އުނިކުރާށެވެ.
އުވާލި އެ މާއްދާގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ހިމާޔަތް ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.
އެ އިސްލާހަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ގެނައި އިސްލާހެކެވެ. އެ އިސްލާހު ގެނައީ އޭރު ބޭރުގެ ހިމާޔަތް ހޯއްދަވައިގެން ތިއްބެވި އިދިކޮޅު ލީޑަރުން ރިޔާސީ އިންތިހާބުގައި ވާދަކުރުން ހުއްޓުވުމުގެ ގޮތުން އެވެ.
ރައީސް އޮފީހުން ބުނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މިއަދު ތަސްދީގު ކުރެއްވުމާއެކު ގާނޫނުން އެ އަކުރު އުނިވީ ކަމަށެވެ.
މި ބިލު ތަސްދީގު ކުރެއްވުމާ އެކު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ އިސްލާހު ޝާއިއު ކޮށްފަ އެވެ.