އީ ސިނގިރޭޓް މަނާކުރުމާމެދު ވިސްނަމުންދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ އީ ސިނިގިރޭޓްއާ މެދު ހެލްތު މިނިސްޓްރީން މިހާރު ދިރާސާތައް ކުރަން ފަށައިފައިވާ ކަމަށެވެ.

" އެ ރެގިއުލޭޓް ކުރާނީތޯ ނުވަތަ ބޭންކުރާނީތޯ މިކަމާ ބެހޭ ގޮތުން މިހާރު ދިރާސާތައް މަސައްކަތްތަކެއް އެބަކުރެވޭ. އެ މަސައްކަތުގެ ނަތީޖާ މަހެއްހާ ދުވަހުގެ ތެރޭ ފެންނާނެކަމަށް އަޅުގަނޑުމެން މި ބަލަނީ. ދެން އެހިސާބުން ޕޮލިސީ ލެވަލްގަ ނިންމާނެ ގޮތްތަކެއް ކަނޑައަޅާނީ." މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިސް އޮފިޝަލަކު މީގެ ކުރިން "ސަން" އަށް ވިދާޅުވީ ރާއްޖެ އެތެރެކުރާ އީ ސިނިގިރޭޓްގެ ބާވަތްތައް ރާއްޖޭގައި މިހާރު ވިއްކަނީ ރެގިއުލޭޓް ކޮށްގެނެއް ނޫން ކަމަށެވެ.

އީ ސިނގިރޭޓް ބޭނުންކުރާ މީހުންނަށް ތަފާތު ސިއްހީ މައްސަލަތައް ދިމާވާ މައްސަލަ ފަހަަކަށް އައިސް ވަނީ އިތުރުވެފައެވެ. އަދި އެކަމާ ގުޅިގެން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އީ ސިނގިޜޭޓް ވަނީ މަނާކޮށްފައެވެ. އަދި ބައެއް ގައުމުތަކުންވެސް އީ ސިނގިރޭޓްކުރުން މަނާކުރުމާމެދު ވިސްނަމުންދާކަަމަށް ދަނީ ބުނަމުންނެވެ.