ގއ. ވިލިނގިލީ ހޮސްޕިޓަލަށް ވިހަން ވެއްދި މީހަކު، ހޭނައްތާ ޑޮކްޓަރަކު ނެތި، ސިޒޭރިއަން ނުހެއްދި ލަސްވުމަށް ފަހު ގދ. ތިނަދޫން ޑޮކްޓަރެއް ގެނެސް ސިޒޭރިއަން ހެއްދި އިރު، ބަނޑު ތެރެއަށް ދަރިފުޅު މަރުވެއްޖެ އެވެ.

ހޭނައްތާ ޑޮކްޓަރަކު ނެތިގެން ސިޒޭރިއަން ނުހެއްދި ލަސްވުމަށް ފަހު ވިލިނގިލީ، އަތޮޅު ހޮސްޕިޓަލުގައި ބަނޑު ތެރެއަށް ދަރިފުޅު މަރުވީ މިއަދު މެންދުރު ފަހު އެވެ. އެ ހާދިސާ ކުރިމަތިވީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރެއް ކަމަށްވާ މަނީޝާ ކުއްލި ގޮތަށް ބަނޑުގައި ރިހި ހޮސްޕިޓަލުގައި ބޭއްވުމުން ހޭނައްތާނެ ޑޮކްޓަރެއް ނެތި ސިޒޭރިއަން ނުހެއްދި ލަސްވެގެނެވެ.

ބަނޑުތެރެއަށް ދަރިފުޅު މަރުވި މަނީޝާއަކީ އެ ހޮސްޕިޓަލުގައި އާންމު ބަލިތަކުގެ ހިދުމަތްދެއްވާ ބިދޭސީ ޑޮކްޓަރެކެވެ. އޭނާ ވިހަން ގައުމަށް ނުގޮސް އިންނެވީ އެ ރަށުގައި އާންމު ބަލިތަކުގެ ހިދުމަތްދޭ ޑޮކްޓަރުންގެ ދަތި ބޮޑުވެގެނެވެ.

ވިލިނގިލީ ކައުންސިލުގެ ރައީސް ސައުދު ހުސައިން ވިދާޅުވީ މަނީޝާ ނުވިހައިގެން، ސިޒޭރިއަން ހެދުމަށް ތިން ގަޑިއިރުގެ ދަތުރެއްކޮށް ގދ. ތިނަދޫން ހޭނައްތާ ޑޮކްޓަރަކު ގެނެސްގެން ހޭނެއްތުމަށް ފަހު ސިޒޭރިއަން ހެއްދި އިރު ދަރިފުޅު ބަނޑުތެރެއަށް މަރުވެފައިވާ ކަމަށެވެ.

ސައުދު ވިދާޅުވީ އަތޮޅު ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއްގެ ހިދުމަތް ނުލިބޭތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށެވެ. އަދި ރަށުގައި ގައިނަކޮލޮޖިސްޓެއް ހުރި ނަމަވެސް ސިޒޭރިއަން ހަދަން ޖެހޭ ދަނޑިވަޅުތަކުގައި ހޭނައްތާ ޑޮކްޓަރަކު ނެތުމުން މިއަދު ހިނގި ފަދަ ހާދިސާތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މަނީޝާގެ ދަރިފުޅު މިއަދު ބަނޑުތެރެއަށް މަރުވި އިރު، ވިލިނގިލީ ހޮސްޕިޓަލުގައި ގައިނަކޮލޮޖިސްޓެއް ނެތިގެން މާބަނޑު އަންހެނަކު ތިނަދޫ ހޮސްޕިޓަލަށް ގެންދަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ލޯންޗެއްގެ ތެރަށް ވަނީ ވިހައިފަ އެވެ. ނަމަވެސް މިހާރު އެ ހޮސްޕިޓަލްގައި ގައިނަކޮލޮޖިސްޓަކު ހުންނަވަ އެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ ފެންވަރު ދަށް ކަމަށް ބުނެ އެ އަތޮޅުގެ ގިނަ ބަޔަކު ފަހަކަށް އައިސް ޝަކުވާ ކުރަމުންދެ އެވެ. ގިނަ މީހުން ހިދުމަތް ހޯދަން ދަނީ ވެސް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ.