28 Oct 2019, 13:11
މީގެ ދެ އަހަރު ކުރިން ފުވައްމުލަކުން ގެއްލުނު މުހައްމަދު ޝަފީއު، ގެއްލުނު މައްސަލައިގެ ތުހުމަތު އޭނާގެ އަނބިމީހާއަށް ކޮށް މަރު ކޮމިޝަނުން އޭނާއާ ސުވާލު ކުރަން ފަށައިފި އެވެ.
ޝަފީއު ގެއްލިފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ދޫޑިގަމް އަވަށުންނެވެ. އޭނާގެ އަންހެނުންގެ ގެއިން ރޭގަނޑު ކެއުމަށް ފަހު 9:30 އެހާކަންހާއިރު އޭނާގެ މަންމަމެން ގެއަށް ދާން ނުކުތް ފަހުން ޝަފީއުގެ ހަބަރެއް ނުވެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މަރު ކޮމިޝަނުން އޭނާއަށް ކުރަނީ، ޝަފީއު މަރާލައި ވަޅުލި ކަމުގެ ތުހުމަތެެވެ. އެކަމާ ގުޅުގިން އެ ކޮމިޝަނުން ވަނީ އިއްޔެ އޭނާއާ ސުވާލުކޮށްފަ އެވެ. އަދި މިއަދުވެސް އޭނާއާ ސުވާލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މައްސަލަ މިހާރު މަރު ކޮމިޝަނުން ބަލަމުން އަންނަ އިރު، މިދިޔަ ޖުލައި މަހު ކުރީ ކޮޅު ކޮމިޝަންގެ ޓީމެއް ފުވައްވުމުލަކަށް ދިޔަ އެވެ. އޭރު އަނބިމީހާއާއި މައްސަލައާ ގުޅޭ އިތުރުން މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ.
އެއަށް ފަހު ކޮމިޝަނުން މައްސަލަ އިތުރަށް ބަލައި ޝަފީއުގެ އަނބިމީހާ އައިޝަތު ނަޝީދާ ކޮމިޝަނަށް އިއްޔެ ހާޒިރުކޮށް ގިނައިރުތަކެއް ވަންދެން އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ.
އޭނާ އިއްޔެ ކޮމިޝަނަށް ހާޒިރުކޮށް ގިނައިރުތަކެއް ވަންދެން ސުވާލުކުރުމުން އޭނާގެ އާއިލާއިން ވަނީ، އެއީ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގާނޫނީ ވަކީލެއްގެ ހާޒިރުގައި ނޫން ގޮތަކަށް ތުހުމަތުވާ މީހަކާ ސުވާލު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
ނަޝީދާ ވެސް ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.