ނިކަލޯޑިއަންގެ "އެވެޓާ – ދަ ލާސްޓް އެއާބެންޑާ" އަކީ މިއަދާ ހަމައަށްވެސް އެންމެ ގިނަ ބަޔަކު ލޯބިކުރާ އެއް އެނިމޭޓެޑް ޓީވީ ޝޯއެވެ. އެހެންކަމުން އެ ޝޯގެ ލައިވް އެކްޝަން ޓީވީ ޝޯއެއް އުފައްދާނެ ކަމަށް ނެޓްފްލިކްސް އިން ބުނުމުން އެތައް ބައެއްގެ ހިތްތައް ވަނީ އުއްމީދުން ފުރިފައެވެ. އެއީ އެޝޯ އެހެންގޮތަކަށް އަލަށް ބަލާލުމުގެ ފުރުސަތެވެ. އެ ޝޯގެ ޝޫޓިން ފަށާނެ ތާރީހު އެންމެ ފަހުން ވަނީ އާންމުވެފައެވެ.

ނެޓްފްލިކްސްގެ އެވެޓާގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް މީގެ ކުރީންވެސް ވަނީ ވާހަކަ ދެކެވިފައެވެ. ނަމަވެސް އެއަށްފަހު ޝޯގެ އެއްވެސް އަޑެއް އިވިފައެއް ނުވެއެވެ. އެހެންނަމަވެސް މިއޮތީ އުފާވެރި ހަބަރެކެވެ. އެއީ ޝޯގެ ޝޫޓިން އަންނަ ފެބްރުއަރީގައި ފަށާ ވާހަކައެވެ.

އެވެޓާ އެނިމޭޓެޑް ޝޯގެ ލީޑް ކެރެކްޓާ އެއް ކަމަށްވާ "ޓޮޕް ބޭފޯންގް" އަށް އަޑު އަޅައިދީފައިވާ ޖެސީ ފްލާވާ ބުނެފައިވަނީ ފެބްރުއަރީ ކުރީކޮޅު ޝޯގެ ޝޫޓިން ފަށާނެ ކަމަށެވެ. އަދި ޝޫޓިން ކުރިއަށްދާނީ ކެނެޑާގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ ޝޯއަށް ކާސްޓުކުރުމުގައި އެންމެ އެކަށީގެންވާ ނަސްލުގެ ފަރާތްތަކަށް ވަރަށްބޮޑަށް އިސްކަން ދޭނެ ކަމަށެވެ.

އެވެޓާ ދަ ލާސްޓް އެއާބެންޑާއަށް ބިނާކޮށް ފިލްމެއްވެސް ވަނީ މީގެކުރީން ތައްޔާރުކޮށްފައެވެ. ނަމަވެސް ފިލްމުގެ ކާސްޓާއި ޕްލޮޓުގައި، ހަގީގީ މަސްދަރާ ހިލާފަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވުމުގެ ސަބަބުން ފޭނުންނަށް އެ ފިލްމު ކަމަކު ނުދިޔައެވެ.