28 Oct 2019, 10:11
ގައުމީ ފުޓުބޯޅަ ޓީމުން ފުރުސަތު ލިބޭ ކޮންމެ ދަނޑިވަޅެއްގައި އެ ޓީމަށް ވަކި މީހަކު ވަކި މަގާމެއްގައި ހުރީތީ ނުކުޅެ ހުރެގެން ނުވާނެ ކަމަށާއި ގައުމީ ޑިއުޓީއަށް ފުރަގަސް ދީފި ނަމަ ދެވަނަ ފަހަރަކަށް އައިސް މާފަށް އެދުނަސް އެ ފުރުސަތު ދެން ނުދެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ވޯލްޑް ކަޕު ކޮލިފައިންގައި ފިލިޕީންސްއާއި ގުއާމާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ކުރިން ކޭމްޕް ކުރުމަށް ގައުމީ ޓީމު ރޭ ވަނީ މެލޭޝިޔާއަށް ފުރާފަ އެވެ. ޓީމު ފުރުމަށް އެއާޕޯޓަށް ދިއުމުގެ ކުރިން އެފްއޭއެމް ހައުސްގައި އެފްއޭއެމްގެ އިސްވެރިންނާއި ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީން ވަނީ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަޕުޅު ދައްކަވަމުން ބައްސާމް ވިދާޅުވީ ގައުމީ ޑިއުޓީއަށް ފުރަގަސް ދޭ އެއްވެސް ކުޅުންތެރިޔަކު ދެވަނަ ފަހަރަށް މާފަށް އެދުނަސް ދެން ފުރުސަތު ނުދޭނެ ކަމަށެވެ.

ބައްސާމް މިހެން ވިދާޅުވީ ގައުމުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުގެ ޕްރެކްޓިހަށާއި ކޭމްޕަށް އީގަލްސްގެ ދެ ފޯވާޑުން ކަމަށްވާ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) ހާޒިރުވެފައި ނުވާތީ އެ ކުޅުންތެރިންނަށް އަދަބު ދޭން ޖެހުމުންނެވެ. އެ ދެ ކުޅުންތެރިން 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ސްކޮޑަށް ވެސް ނަގާފަ އެއް ނުވެ އެވެ. ނަމަވެސް ދާދި ފަހުން ސޯޝަލް މީޑިއާގައި ދެ ކުޅުންތެރިން ވެސް ވަނީ ކުށް ގަބޫލުކޮށް މާފަށް އެދިފަ އެވެ. އެހެން ކަމުން ދެ ކުޅުންތެރިންނަށް ވެސް ވަނީ އަލުން އަނބުރާ ގައުމީ ސްކޮޑުން ޖާގަ ދީފަ އެވެ.
މީގެ ކުރިން އަލީ އަޝްފާގު (ދަގަނޑޭ) އަށް ވެސް ވަނީ އެފަދަ ހާލަތެއް ކުރިމަތިވެފަ އެވެ. ދަގަނޑޭއަށް ދިމާވި ގޮތަކީ އޭނާ ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމުގައި ހުރި އިރު ގައުމީ ޓީމު ޕްރެހަކަށް ހާޒިރު ނުވުމެވެ. އޭނާ އެ ޕްރެހަށް ހާޒިރު ނުވުމުން އަދަބެއްގެ ގޮތުގައި އޭނާ ވެސް ޓީމުން ވަކިކުރީ އެވެ. ނަމަވެސް އޭނާ ފަހުން އެކަމަށް މާފަށް އެދުމުން ގައުމީ ޓީމުން ވަނީ ޖާގަ ދީފަ އެވެ.
"ގައުމީ ޓީމަށް ގޮވާލައި ކޮންމެ ވަގުތެއްގައި މި ކުޅުންތެރިން ޖެހޭނެ ގައުމީ ޓީމަށް ކުޅެން. މީކީ މިތާގައި ބައްސާމް އަދީލް ޖަލީލް ކިޔާ މީހަކު ހުރީމަ ކޮށްދެން ޖެހޭ ކަމެއް ނޫން. މީކީ ވަކި މީހަކު ގައުމުގެ ރައީސްގެ މަގާމުގައި ހުރީމަ ކުރަން ޖެހޭ ކަމެއް ނޫން. މިއީ ގައުމީ ކަމެއް،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ޓީމުން ޖާގަ ލިބޭ ކޮންމެ ފަހަރަކު ގައުމީ ހަނގުރާމައެއްކޮށް ގައުމު ދިފާއުކޮށްދެން ތައްޔާރަށް ތިބެން ޖެހޭ ކަމަށެވެ.
"ކޮމިޓީ [ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީ] އާ ވެސް ޑިސްކަސް ކޮށްފައި އޮންނާނީ މިހާރު، އެއްވެސް ކުޅުންތެރިއަކަށް ދެން ފުރުސަތެއް ނޯންނާނެ ދެން ފުރަގަސްދީފިއްޔާ. މާފަށް އެދުނަސް އަބަދަކު އެ ފުރުސަތެއް ނޯންނާނެ. އެހެން ކަމުން ކޮންމެ ކުޅުންތެރިއަކުވެސް ގައުމީ ޓީމަށް ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށް ދެކެން ޖެހޭ."
ގައުމީ ޓީމުން މެލޭޝިޔާގައި އަންނަ މަހު ނުވަ ވަނަ ދުވަހާއި ހަމައަށް ކޭމްޕް ކުރުމަަށް ވަނީ ނިންމާފަ އެވެ. އެއަށްފަހު ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުންނާނީ އެ މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން 19 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ގުއާމްއާ އެވެ.