28 Oct 2019, 09:31
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓް ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ "2020-2022 ފިސްކަލް ސްޓްރެޓެޖީ" ބަޔާނުގައި ބުނެފައިވާގޮތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓް 39.55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
އަންނަ އަހަރަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 30.73 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ދައުލަތުގެ ހަރަދު، 37 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭ އިރު، ރިކަރަންޓު ހަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 11.7 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ.
ފިނޭންސް އިން ބުނެފައިވަނީ އިންޑިއާ ސަރުކާރުން ބޮންޑާއި ޓީބިލްގައި އިންވެސްޓްކުރާ، 1.54 ބިލިއަން ރުފިޔާ އަންނަ އަހަރު ހިލޭ އެހީއަށް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
ފިސްކަލް ޕޮލިސީ މެދުވެރިކޮށް ދައުލަތުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަންނަ އަހަރަށް
ތައާރަފުކުރާ ސިޔާސަތުތައް ނުވަތަ އަލަށް ފަށާ މަޝްރޫއުތަކާއި ރިކަރަންޓް ޕްރޮގްރާމްތަކަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް
ލަފާކުރެވޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފިސްކަލް ސްޓްރެޓެޖީ އަކީ، އަހަރަކު އެއްފަހަރު ފިނޭންސުން މަޖިލީހަށް ހުށަހަޅާ ބަޔާނެކެވެ. އެ ބަޔާން ފިނޭންސުން މަޖިލީހަށް ހުށަހެޅީ މިދިޔަ ޖުލައި 31 ވަަނަ ދުވަހު އެވެ. އެ ކަރުދާހުގައި ހުރީ ޖޫންމަހުގެ ނިޔަލަށް ހަދާފައިވާ އަންދާޒާތަކެކެވެ.