އޭލެވެލް ހަދާ ކުދިން ތައުލީމީ ދާއިރާ އަށް ޝައުގުވެރި ކުރުވުމަށް ކޮންމެ އަހަރަކު 10 ސްކޮލަޝިޕް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއަހަރު އޭލެވެލް ހެދި ކުދިންގެ ތެރެއިން ގަދަ 10ގައި ހިމެނޭ ކުދިންނަށް އިނާމު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެކަން އިއުލާން ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދެވެ.
ޝިފާ މިއަދު ވިދާޅުވީ އެ ފައިސާ ހަރަދު ކުރާނީ ތައުލީމީ ފަންޑުން ކަމަށާއި އެ 10 ސްކޮލާޝިޕަށް ކުދިން ހޮވާނެ ގޮތުގެ ކުރައިޓީރިއާ އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރު، އަހަރަކު ފަސް މިލިއަން ރުފިޔާ ތައުލީމީ ފަންޑުން ތައުލީމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ތައުލީމީ ދާއިރާ އިން ރާއްޖޭގައި ޑިގްރީ ފެންވަރަށް ކިޔެވުމަށް ދޭ 10 ސްކޮލަޝިޕަކީ ހުރިހާ ހަރަދެއް ސަރުކާރުން ކޮށްދޭ ސްކޮލަޝިޕްތަކެއް ކަމަށެވެ. އަދި އެ ސްކޮލަޝިޕްތަކުގެ އަމާޒަކީ އޭލެވެލް ނިންމާ ކުދިން ތައުލީމީ ދާއިރާ އަށް ޝައުގުވެރިކުރުވުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އޭލެވެލް ޓޮޕް ޓެންގައި ހިމެނޭ ކުދިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕަށް މިއަހަރު 15 ކުއްޖަކު ކޮލިފައިވެފައިވާ އިރު ޓޮޕް ޓެންގައި 180 އަށް ވުރެ ގިނަ ކުދިން ހިމެނުނެވެ.