މި މަހު 10 އިން 11 އަށް އައްޑޫގައި އޮތް ސާކް ސަމިޓަށް އެކި އެކި ފަރާތްތަކުން ހަދިޔާކުރި ސާމާނުތައް، އައްޑޫ ސިޓީ ކައުންސިލްގެ ހުއްދަ ނެތި ގެންދާ މައްސަލާގައި، އެ ކައުންސިލްގެ ހުއްދަ ނެތި، ސަމިޓަށް ގެންދިޔަ އެއްވެސް އެއްޗެއް ބޭރުކުރުން ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ]ސޯބެ[ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުން އެ އަމުރު ނެރެ، ގަން އިންނަޝޭނަލް އެއާޕޯޓާއި ހިތަދޫގައި އޮންނަ ސަރަހައްދީ ބަނދަރާއި ގަމު ބަނދަރަށް އެ އަމުރު އަންގަވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ނޫން ރަށްރަށުގެ ބަނދަރުތައް ސީދާ ހުންނާނީ ކައުންސިލްގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.
ސޯބެ ވިދާޅުވީ ސަމިޓަށް އެކި ތަންތަނުން ކުއްޔަށާއި އަދި އެކިއެކި ވުޒާރާތަކުން ގެންގޮސްފައިވާ ތަކެތި އަނބުރާ ގެންދެވުމަކީ މައްސަލައެއް ނޫން ކަމަށާއި އަދި އެކަމާ އައްޑޫ ސިޓީ ކައުންސިލުން ވެސް މައްސަލަ ނުޖައްސަވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެކި ތަންތަނުން ސަމިޓަށް ހަދިޔާ ކުރި ތަކެތި އަނބުރާ ގެންދެވެން ޖެހޭނީ ކޮންވެންޝަން ސެންޓަރުގެ އިންވެންޓްރީ ނެގި އެ ތަނުގެ އެއްޗިއްސަކީ ކޮބައިކަން ރަނގަޅަށް ކަނޑައެޅުމަށް ފަހު ކަމަށެވެ. އެ އަމުރު އެ ގޮތަށް ނެރުއްވަން ޖެހުނީ އެހެންވެގެން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު އެ އަމުރު ނެރުނު އިރު ގިނަ ސާމާނުތަކެއް ޑިފެންސް މިނިސްޓްރީ އިން ވަނީ ބޭރުކޮށްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ 17 ވަނަ ސާކް ސަމިޓަށް އެކި އެކި ފަރާތްތަކުން ހަދިޔާ ކުރި އެއްޗިއްސާއި އަދި ސަމިޓް ބަޖެޓުން ގަތް އެއްޗެތީގެ އިންވެންޓްރީ އައްޑޫ ސިޓީގައި ނެތް ކަމަށާއި އެ އިންވެންޓްރީ އެއްވެސް ފަރާތަކުން ސިޓީ ކައުންސިލާ ހަވާލު ނުކުރާ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެފައި ވަނީ ސަމިޓަށް ގަތް އެއްޗިއްސާއި ހަދިޔާކޮށްފައިވާ ސާމާނުގެ އިންވެންޓްރީ ޑިފެންސް މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓްރީ އިން ގެންދި ތަކެތީގެ ތެރޭގައި ޗައިނާ ސަރުކާރުން ހަދިޔާ ކުރި އަލިފާން ނިއްވާ ސާމާނުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ސޭފްޓީ ޝޫޒާއި ފަޔާ ފައިޓިން ގިއަރާއި ޖެކެޓްތައް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓްރީ އިން އެ ތަކެތި ގެންދިޔައީ ކޮންތަނަކަށް ކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް މޭލެ ގެންދިޔަ ނަމަ، މާލޭގައި އަލިފާންގެ ހާދިސާތަކާ ކުރިމަތި ލަނީ ފުލް ކިޓްގައި ކަން ފެނިވަޑައިގަންނަވާ ކަމަށެވެ.

އަދި އޭނާ ވިދާޅުވީ އައްޑޫގައި ވެސް ބޮޑެތި އަލިފާންގެ ހާދިސާތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ނަމަވެސް އެ މީހުން އެފަދަ ހާދިސާތަކުގައި ޓީ ޝާޓަކާއި ފައިވާނެއްގައި ކުރިމަތިލާ އިރު އެތަކެތި އެއްކޮށް ގެންދިއުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބޭރުކުރި ތަކެތީގެ ތެރޭގައި ޗައިނާ ސަރުކާރު ހަދިޔާ ކުރި ހަ މާސީޑީސް ބެންޒު ކާރާއި އަދި ޒުޒުކީ ތިން ކާރާއި 16 ޖީޕް ވެސް ހިމެނެ އެވެ.