27 Oct 2019, 20:37
ބަޣުދާދު (އޮކްޓޯބަރު 27): އިރާގުގެ ބަޣުދާދުގައި ކުރިއަށްގެންދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 200އަށް ވުރެ އިތުރުވެއްޖެއެވެ.
މިމަހުގެ ކުރީކޮޅު އެ މުޒާހަރާތައް ފެށުނީ ފެނާއި ކަރަންޓުގެ ހިދުމަތުގެ ފެންވަރު ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް މަދުވުމާއި ކޮރަޕްޝަނާ ދެކޮޅަށް ނުރުހުން ފާޅުކޮށް، އިސްލާހުތައް ގެނައުމަށް ގޮވާލުމުގެ ގޮތުންނެވެ. ނަމަވެސް ފަހުން އެ މުޒާހަރާތައް ފުޅާވެ، ސަރުކާރުގެ އިސްތިއުފާއަށް ވަނީ ގޮވާލަން ފަށާފައެވެ.
އިރާގުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ބުނި ގޮތުގައި އިއްޔެ އާއި ހުކުރު ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އެކަނިވެސް 60 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން އެމުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް އަރާފައެވެ.
އެމުޒާހަރާތައް ރޫޅާލުމަށް އިރާގުގެ ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އެގޮތުން ބަޣުދާދުގައި ސަރުކާރުގެ އޮފީސްތަކާއި އެމްބަސީތައް ހުންނަ ގްރީންޒޯނަށް މުޒާހަރާގެ ބައިވެރިން އިއްޔެ މިސްރާބު ޖެހުމުން އެމީހުން ފޮނުވާލުމަށް ބަޑިއާއި ކަރުނަ ގޭސް ޖަހާފައިވެއެވެ.
އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހުދީ ވަނީ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ރައްޔިތުން ބޭނުންވާ އިސްލާހުތައް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އިސް އޮފިޝަލުންގެ މުސާރަ ކުޑަކޮށް، ކޮރަޕްޓު އޮފިޝަލުންގެ މައްސަލަތައް ބެލުމަށް ހާއްސަ ކޯޓެއް އުފައްދާ، ކެބިނެޓަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާ ވަނީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފި ނަމަ ގައުމުގެ ހާލަތު މާބޮޑަށް ގޯސްވާނެ ކަމަށް ވިދާޅުވެ، އެކަން ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.
އެއީ މިދިޔަ އަހަރު އަބްދުލްމަހުދީ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން އެގައުމުގައި ބާއްވާ އެންމެ ބޮޑު މުޒާހަރާތަކެވެ.
މުޅި ދުނިޔެއިންވެސް ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ ރިޒާވްކޮށްފައިވާ ގައުމަކީ އިރާގު ކަމަށްވީ ނަމަވެސް އެގައުމުގެ އާބާދީގެ 60 ޕަސެންޓު ދިރިއުޅެނީ ދުވާލަކު ހަ ޑޮލަރު ނުވަތަ އެއަށް ވުރެ މަދުން ހަރަދުކޮށްގެންނެވެ. އަދި ވޯލްޑްބޭންކުން ބުނާ ގޮތުގައި އިރާގުގެ ޒުވާނުންގެ ތެރެއިން ވަޒީފާއެއް ނެތް ފިރިހެނުންގެ އަދަދު 17 ޕަސެންޓަށް އަރާ އިރު ވަޒީފާ ނުލިބޭ އަންހެނުންގެ އަދަދު 27 ޕަސެންޓަށް އަރައެވެ.