28 Oct 2019, 09:40
ރާއްޖޭގެ ބޭންކްތަކުން ދޫކުރާ ހައުސިން ލޯންގެ އިންޓްރެސްޓް ރޭޓް 8-5 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކުޑަކުރަން ބޭންކްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމުގެ ބިލް ޑްރާފްޓު ކުރާ ރައްޔިތުން މަޖިލީހުގެ ސަބް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ، އިންޓަރެސްޓް ރޭޓް އަށް ޕަސެންޓަށް ވުރެ ބޮޑުވާ ނަމަ އެއީ ހައުސިން ލޯނެއްގެ ގޮތުގައި ނުބެލެވޭނެ ކަަމަށެވެ. އެހެންކަމުން، ހައުސިން ލޯންތަކުގެ އިންޓަރެސްޓް ރޭޓް 8-5 ޕަސެންޓާ ދެމެދަށް ކުޑަކުރަން މަޝްވަރާ ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެ ކަންކަމުގައި ގޮންޖެހުންތައް ހުރިކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ހައުސިން ލޯނުގެ ގޮތުގައި ދޫކުރަން ހުރި ފައިސާ ބޭންކްތަކުގައި މަދުވުން ފަދަ ކަންކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.
މިހާރު ހައުސިން ލޯންތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ 11-12 ޕަސެންޓާ ދެމެދު އެވެ.
"އަށަކަށް ވުރެ މަތިވަންޏާ އަޅުގަނޑުމެން މި ބަލަނީ އެއީ ހައުސިން ލޯނެއް ނޫނޭ. އެއީ ކޮމާޝަލް ލޯނަކަށޭ ވާނީ. އެއަށް ވުރެ އެ ރޭޓް ދަށް ކުރަން އަޅުގަނޑުމެން މި މަޝްވަރާ ކުރަނީ،" އާތިފާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ، އެއްވެސް ރޭވުންތެރިކަމަކާ ނުލައި ރަށްރަށުގައި ގެދޮވެރިކަމުގެ މަޝްރޫއުތައް ހިންގަން ފަށައިފިނަމަ އުފެދޭނީ މާލެ ފަދަ އިތުރު ތަންތަން ކަމަށެވެ.
ރަށްރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގާއިރު ބިމާއެކު ހުސް ޖާގައެއް ބާއްވަން ޖެހޭނެ ކަމާއި، ނެއިބަހުޑް ކޮންސެޕްޓެއް ރަށްރަށަށް ތައާރަފް ކުރުމަކީ މުހިންމު ކަމެއް ކަމަށް އެލްޖީއޭއިން ފާހަގަ ކުރި އެވެ. އަދި މިފަދަ ކަންކަން ގާނޫނަކުން ބުނެދޭނެ ޖެހޭނެ ކަމަށް އެލްޖީއޭއިން ފާހަގަ ކުރި އެވެ.
ކޮމިޓީގެ މުގައްރިރު ވިދާޅުވީ ފްލެޓުތަކުގެ ދިރިއުޅޭ މީހުންގެ 70 އިންސައްތައަކީ އެ ފްލެޓުތައް ހަވާލުކުރި ފަރާތްތައް ނޫން ކަމަށް އެޗްޑީއެފްސީން ފާހަގަކުރި ކަމަށެވެ. އަދި ބޭންކްތަކުން ލޯނު ނަގައިގެން ގެދޮރު ގަންނަ ފަރާތްތަކުގެ ތެރެއިން ލޯނަށް ފައިސާ ނުދައްކާ ފަރާތްތައް އެތަންތަނުން ނެރެވޭނެ ގޮތެއް ނޯންނަ ކަމަށް ބޭންކްތަކުން ފާހަގަކުރި ކަމަށް މުގައްރިރު ވިދާޅުވި އެވެ.