27 Oct 2019, 16:54
އަންނަ އަހަރު މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ސަރުކާރު ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނުގައި ބުނީ ސްކޫލުތަކަށް ވައްދަން އެދޭ ފޯމު މިއަދުން ފެށިގެން މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެވެބްސައިޓުން ޑައުންލޯޑުކުރެވެންވެސް ހުންނާނެކަމަށެވެ.
ފޯމު ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ސްކޫލްތަކަށް އަލަށް ދަރިވަރުން ވެއްދުމަށް ހުޅުވާލި އިރު ސްކޫލުތަކުން ޖާގަ ދޭ އުސޫލަށް އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ވަނީ ބަދަލުވެސް ގެނެސްފައެވެ.
އާ އުސޫލުގައި ވާގޮތުން އަންނަ އަހަރު ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ އެ ސްކޫލެއްގެ ސަރަހައްދުގައި ދިރިއުޅޭ މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށެވެ.
އެއަށްފަހު ދެން އެންމެ ބޮޑަށް އިސްކަންދޭނީ ސްކޫލު ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެންބަނޑު ދަރިވަރުންނަށް ކަމަށްވެސް ސާކިއުލާގައި ބުނެފައި ވެއެވެ
އުސޫލަށް ބަދަލު ގެންނަން ޖެހުނީ އޮޅުވާލައިގެން ބައެއް ސްކޫލުތަކުން ޖާގަ ހޯދަން ހުށަހަޅާތީކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.