ސ. މީދޫގައި ނަހަލާލަށް ބަލިވެއިން 17 އަހަރުގެ ކުއްޖާގެ ދަރިފުޅު އެބޯޓުކޮށްލަން އެހީތެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން ކުއްޖާގެ މަންމަ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާގެ މަންމަ ދޫކޮށްލި ނަމަވެސް ކޯޓު އަމުރުގެ ދަށުން އެ އަންހެން ކުއްޖާ އަދި ވެސް ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ. އަދި އަންހެން ކުއްޖާގެ ހައްޔަރުގެ މުއްދަތު 15 ދުވަހަށް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.
ނަމަވެސް އަންހެން ކުއްޖާގެ މަންމަ ދޫކޮށްލީ ކޮން އިރަކު ކަމެއް ފުލުހުން ނުބުނެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ދެމައިން ހައްޔަރު ކުރީ އަންހެން ކުއްޖާގެ ބަނޑަށް ހަތަރު މަހުގައި ދަރިފުޅު އެބޯޓުކޮށްލި ކަމުގެ ތުހުމަތުގަ އެވެ.

ދަރިފުޅު އެބޯޓުކޮށްލިކަން ފަޅާއަރާފައި ވަނީ، ސަން އަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި، އެ އަންހެންކުއްޖާ އާއި އޭނާގެ މަންމަވެގެން ކުއްޖާ އެބޯޓުކޮށްލުމަށް ފަހު ނަގާފައިވާ ތުއްތު ކުއްޖާގެ ފޮޓޯއެއް އަންހެން ކުއްޖާ އޭނާގެ ރައްޓެއްސަކަށް ފޮނުވުމުންނެވެ. އަދި އެބޯޓު ކޮށްލުމަށް ފަހު ކުއްޖާ ވަޅުލާފައި ވަނީ އެމީހުން ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން ވަނީ އެގެއަށް ގޮސް ތުއްތު ކުއްޖާ ގަބުރުސްތާނަށް ގެންގޮސް އަލުން ވަޅުލައިފަ އެވެ.