އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓްގެ ގޮތުގައި އަންނަ އަހަރަށް 64 މިލިއަން ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފި އެވެ.

ވޭތުވެދިޔަ އަހަރު އޮޑިޓާ ޖެނެރަލް އޮފީހަށް ހަމަޖެއްސީ 60 މިލިއަން ރުފިޔާފެ ބަޖެޓެކެވެ. އެ އަދަދު 64.91 މިލިއަން ރުފިޔާއަށް ބޮޑުކޮށް އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް މިދިޔަ ހަފްތާގައި މާލިއްޔަތު ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ. ބަޖެޓް ފާސްކޮށް ނިންމި މައްސަލަ މާދަމާ މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ވާގޮތުން 2020 ވަނަ އަހަރުގެ ބަޖެޓްގެ 36 ޕަސެންޓް ހަރަދުކުރަނީ މުވައްޒަފުންނަށް ހިނގާ ހަރަދަށެެވެ. އެއީ 43 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން އޮޑިޓް އޮފީހުގެ ދަތުރު ބަޖެޓަށް 4.8 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އޮޑިޓް އޮފީހުގެ 2020 ވަނަ އަހަރުގެ ހަރަދުތައް ހިނގާނެ ގޮތް

  • އޮޑިޓަ ޖެނެރަލްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް - 795،000
  • މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް - 43.98 މިލިއަން ރުފިޔާ
  • ޕެންޝަން ފައިސާއަށް - 1.25 މިލިއަން ރުފިޔާ
  • މުވައްޒަފުން ތަމްރީނު ކުރުމާއި ފެންވަރު މަތިކުރުން - 1.74 މިލިއަން ރުފިޔާ
  • ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކުގެ ހަރަދު - 4.89 މިލިއަން ރުފިޔާ

މިއީ 2020 ވަނަ އަހަރުގެ ތެރޭގައި ހަރަދު ހިނގާނެ ކަމަށް އޮޑިޓް އޮފީހުން ލަފާ ކުރާ ގޮތެވެ.

މުވައްޒަފުންގެ މުސާރައަށް ބޮޑު އަދަދެއް ބޭނުންވާ ކަމަށް އޮޑިޓް އޮފީހުން ލަފާކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން މުވައްޒަފުންނަށް އިތުރު ގަޑި ދޭން ނިންމާފައިވާތީ އެވެ.

އެކަން ކަމަށް ބަލައި ކޮމިޓީއިން ނިންމާފައިވަނީ 64 މިލިއަނުގެ ބަޖެޓެއް ފާސްކޮށްދިނުމަށެވެ.

އޭގެ އިތުރުން ޕީއެސްއައިޕީގެ ދަށުން އޮޑިޓް އޮފީހުގެ އޮފީސް އިމާރާތެއް އެޅުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 55.75 މިލިއަން ރުފިޔާ، ފިނޭންސް މިނިސްޓްރީއިން ދިރާސާކުރުމަށް ފަހު ނިއުޕޮލިސީ އިންނިޝިއޭޓިވްގެ ދަށުން ބަޖެޓުގައި ހިމެނުމަށް ނިންމާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިއްޖެ ނަމަ އެ އަދަދު އޮޑިޓް އޮފީހުގެ ބަޖެޓަށް އިތުރުކޮށްދިނުމަށް މާލިއްޔަތު ކޮމިޓީއިން ވަނީ ނިންމާފަ އެވެ.