މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައިގެން ޓްރޭޑް ޔުނިއަންގެ ކުރީގެ ރައީސް ފުއާދު ޒާހިރު ޖަލަށްލާން ހުކުމްކޮށްފި އެވެ.

މީގެ ކުރިން މީރާއަށް ފައިސާ ދައްކަން ސިވިލް ކޯޓުން އޮތީ ފުއާދުގެ މައްޗަށް ހުކުމްކޮށްފަ އެވެ. އެކަމަކު އޭނާ އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

އެ މައްސަލައިގައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ހުމްކޮށްފައި ވަނީ ފުއާދު ދެ މަސް ދުވަހަށް ޖަލަށް ލުމަށެވެ. އޭނާ ޖަލަށްލާން ހުކުމް ކުރީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލު ކުރަންވީ ގަވައިދުގެ ދެވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.

މިއީ ފުއާދު ފައިސާ ނުދައްކައިގެން އޭނާގެ މައްޗަށް އަދަބު ކަނޑައެޅޭ ދެވަނަ ފަހަރުކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލައެއްގައި މީރާއިން އެންމެ ފުރަތަމަ ދައުވާ ކުރީ ފުއާދުގެ މައްޗަށެވެ. އަދި މީރާގެ އޮޑިޓަށް ދަތިކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ދައުވާ ކުރީ ވެސް އޭނާގެ މައްޗަށެވެ.