27 Oct 2019, 16:08
ހަމަ ނުޖެހުމަށް ގޮވާލާ ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ސިވިލް ސާވިސް ކޮމިޝަނުން ބާރު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަންގައި އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގެންފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންނާ މިއަދު ބައްދަލު ކުރައްވައި ކަމަށް މަޖިލީހުގެ އަމީން އާންމު އައިމިނަތު ނިއުޝާ ވިދާޅުވި އެވެ.
"ރައީސް މުހައްމަދު ނަޝީދު ސިވިސް ސާވިސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލު ކުރެއްވި. މި ބައްދަލުކުރެއްވުމުގައި އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިސް ސާވިސް މުވައްޒަފުންނަށް ފުރިހަމައަށް ލިބިދޭކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރައްވާ. ނަމަވެސް ހަމަ ނުޖެހުމަށް ގޮވާލާ ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ސިވިސް ސާވިސް ކޮމިޝަނުން ބާރު އެޅުއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި،" ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުޝާ ވިދާޅުވި އެވެ.
އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ސިވިލް ސާވެންޓުންނަށް ވެސް އޮންނަ ހައްގެއްކަން ފާހަގަކޮށް އެކަން ކަމަށް އޮފީސްތަކުގެ ޒިންމާދާރު އިސްވެރިންނާ ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގައި ދިނުމަށް ނަޝީދު ވަނީ ސީއެސްސީގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ސީއެސްސީގެ މެންބަރުންނާ ރައީސް ނަޝީދު ބައްދަލުކޮށްފައިވާއިރު، މޯލްޑިވަސް ޑިމޮކްރެސީ ނެޓްވޯޓް (ޢެމްޑީއެން) އިން ނެރުނު ރިޕޯޓަކާއި ގުޅިގެން އެ ޖަމިއްޔާ އުވާލައި އެ ޖަމިއްޔާގެ މެންބަރުންނަށް ފިޔަވަޅު އަޅައިދިނުމަށް އެދި ގިނަ ފަރާތްތަކަކުން އަޑުއުފުލަމުން އަންނަ އިރު އެ އިހްތިޖާޖު އަންނަނީ ވަރުގަދަވެ 'ހައްދުން ނެއްޓެމުން' ނެވެ. އަދި އެ ފަދަ ހަރަކާތްތަކުގައި ސިވިލް ސާވެންޓުން ހަރަކާތްތެރިވަމުން އަންނަ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.