27 Oct 2019, 15:20
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޖަމިއްޔާތަކުގެ ބިލު އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހުން އެ ބިލު ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އެ ބިލަކީ ދިވެހިރާއްޖޭގައި ޖަމިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ބިލެކެވެ. އެ ބިލު ތަސްދީގު ކުރުމާ އެކު ގާނޫނު ނަންބަރު 2003/1 (ޖަމިއްޔާތަކުގެ ގާނޫނު) އުވިގެންދާނެ އެވެ.
އެ ބިލުގައިވާ ގޮތުން ރާއްޖޭގައި ހިންގަން ބޭނުންވާ އެއްވެސް ބާވަތެއްގެ ޖަމިއްޔާއެއް ހިންގޭނީ އެ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެންނެވެ.
އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތައްވެސް، އެ ބިލު ގާނޫނަކަށް ވުމާއެކު އެ ގާނޫނުގެ ދަށަށް ބަދަލުވެގެންދާނެ އެވެ. އެކަމަކު، ޖަމިއްޔާތައް ރަޖިސްޓަރީކުރުން ފިޔަވައި، ވަކި ބާވަތެއްގެ ޖަމިއްޔާތައް ހިންގުމާ ގުޅޭ އުސޫލުތައް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެފަދަ ޖަމިއްޔާތައް ހިންގުމާ ގުޅޭގޮތުން އަމަލުކުރާނީ އެ ގާނޫނެއްގައިވާ ގޮތުގެމަތިންނެވެ.
އެ ބިލުގައި ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކުން ރާއްޖޭގައި ހަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، އަމަލުކުރަންވީ އުސޫލުތައްވެސް ބަޔާންކޮށްފައިވެ އެވެ.
ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ޝަރުތުތަކާއި، މަސްއޫލިއްޔަތުތައް ބަޔާންކޮށް، ޖަމިއްޔާގެ ރަޖިސްޓްރާއަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލަންވެސް އެ ގާނޫނު މަޖުބޫރު ކުރެެ އެވެ. ގާނޫނާ ހިލާފަށް އަމަލު ކުރާ ޖަމިއްޔާތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ އުސޫލުތައްވެސް ބިލުގައިވެ އެވެ. އަދި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ އަމަލެއް ހުއްޓުވުމަށް ނުވަތަ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް އެންގުމުގެ ބާރު އެ ބިލުން ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބޭނެ އެވެ.
މީގެ އިތުރުން، ޖަމިއްޔާތަކުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކިއެކި މުއާމަލާތް ހިންގުމާއި، ޖަމިއްޔާތަކުގެ ދަރަންޏާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި، ދެ ޖަމިއްޔާއެއް އެއްކޮށްލާނަމަ އަމަލުކުރަންޖެހޭނެ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެ އެެވެ.
ޖަމިއްޔާތަކުގެ އާ ގާނޫނެއް އުފެއްދުމުގެ މަސައްކަތް ފެށިފައިވާ އިރު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ދީނާ ހިލާފު ވާހަކަތަކެއް ލިޔެ ރިޕޯޓެއް ޝާއިއު ކުރި މައްސަލަ ވަނީ ފެންމަތިވެ ފައެވެ. އަދި އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެކަމާ ގުޅިގެން އެ ޖަމްއިއްޔާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ.