27 Oct 2019, 15:10
ދަމާސްގެ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ދަމަނަ ވެއްޓާ ގުޅިގެން ހެލްތު ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ.
އިއްޔެ ދަމަނަވެށީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދަމާސްގެ 210 މުވައްޒަފަކު ބައިވެރިވި އެވެ.
"ހަށި ރައްކާ"ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ހެލްތު ސްކްރީނިން ޕްރޮގްރާމުގައި މުވައްޒަފުންގެ ބަރުދަނާއި ލޮލުގެ ފެނުން، ކަންފަތުގެ އިވުން ފަދަ ސިއްހީގޮތުން ބަލަންޖެހޭ މުހިއްމު ކަންތައް ވަނީ ޗެކުކޮށްފަ އެވެ.
ދަމާސްގެ އޮފިޝަލަކު ވިދާޅުވީ މި ޕްރޮގުރާމުގެ ދަށުން އެކުންފުނީގެ މުވައްޒަފުންނަށް ސިއްހީގޮތުން ރަނގަޅު ލައިފްސްޓައިލެއް ދަމަހައްޓާނެގޮތް ކިޔައިދޭނެ ކަމަށާއި ސިއްހީ މައްސަލައެއް ހުރި މުވައްޒަފުންނަށް ޑޮކްޓަރުންގެ ލަފާވެސް ދޭ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި މުވައްޒަފުންނަށް އަމާޒުކޮށްގެން ބޫޓުކޭމްޕުތައްވެސް ބާއްވާނެ ކަމަށް އެކުންފުނިން ބުންޏެވެ.
"މި އިވެންޓުގެ މަގުސަދަކީ އިވެންޓުގެ މަގުސަދަކީ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުން. ސްޓްރެސް ލެވެލް ބަލައި، މުވައްޒަފުން ސިއްހީގޮތުން އާންމުކޮށްބަލަން ޖެހޭ ކަންތައް ބަލައި ކަށަވަރު ކުރުން. ދަމާސްގެ މުވައްޒަފުންނަކީ ދުޅަހެޔޮބަޔެއްކަން ޔަގީންކުރުން.،" އެކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލްތު ސްކްރީނިން ޕްރޮގްރާމަށް މުވައްޒަފންގެ ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.