ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މެމްބަރެއްގެ ދާއިރާ ރައްޔިތުންނާ މަޖިލިސް ކުރާ ގޭގައި ބައްދަލު ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު އައިމިނަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން އެ މެމްބަރެއްގެ ދާއިރާގެ ރައްޔިތުންނާ މަޖިލީހުގެ އިދާރާގައި ބައްދަލުކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ނިއުޝާ ވިދާޅުވީ މެންބަރަކު އެކަމަށް އެދުމުން މަޖިލީހުގެ އިދާރާގެ މެމްބާ ސާވިސް ސެކްޝަނުން މެމްބަރުންނަށް އެކަންކަން ހަމަ ޖައްސައިދޭނެ ކަމަށެވެ.

"މެމްބަރުން އެ ބައްދަލުވުން ބާއްވަން އެދިވަޑައިގަތުމުން މެމްބަރު ސާވިސް ސެކްޝަނުން އެ ހުރިހާ އިންތިޒާމުތަކެއް ފަހިކޮށްދޭނެ،" އަމީން އާންމު ވިދާޅުވި އެވެ.

އެގޮތަށް ހަމަޖެއްސީ މެމްބަރުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ވަރުގަދަ ވާނެ ކަމަށް ފެންނާތީ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގައި އެމްޑީޕީގެ އެޖެންޑާ 19 ގެ ދަށުން ކޮންމެ މެމްބަރަކުވެސް ދާއިރާ އޮފީހެއް ހަދަން ޖެހެ އެވެ. އަދި ކޮންމެ މަހަކު އެއްފަހަރު ދާއިރާ ރައްޔިތުންނާ ބައްދަލު ކުރަންވެސް ޖެހެ އެވެ. އެކަމަކު މަޖިލީހުގެ މެމްބަރުން ތެރެއިން އޮފީސް ހަދާފައިވަނީ ވަރަށް މަދު މެމްބަރެކެވެ.

މަޖިލީހަށް އިންތިހާބު ވުމަށް ފަހު މެމްބަރު ދާއިރާ ރައްޔިތުންނާ ބައްދަލުނުކުރާ ކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާ އެކެވެ. އެހެން ނަމަވެސް، މިފަހަކަށް އައިސް މެންބަރުން ގެންދަވަނީ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރަމުން އެވެ.