27 Oct 2019, 14:54
މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް އަރުވާ ގޮތަށް ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ފަސް ބޭފުޅުންނަށް ގައުމީ އިނާމް ދޭން ނިންމާފައިވަނީ އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިން ކަމަށެވެ.
އެ ފަސް ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުންނަކީ، މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 21 ބޭފުޅަކަށް ދިނުމަށް ނިންމާފައިވާ ކަަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމް ދިނުން އޮންނާނީ މާދަމާ ރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ. މީގެ ކުރިން ގައުމީ އިނާމް ދެމުންގެންދިޔައީ ރާއްޖޭގައި ފާހަގަކުރާ މިނިވަންދުވަހު އެވެ. ނަމަވެސް މި އަހަރުން ފެށިގެން ގައުމީ ދުވަހު ގައުމީ އިނާމް ދޭގޮތަށް ރައީސް ސޯލިހު ވަނީ ނިންމަވައިފަ އެވެ.
މިދިޔަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމް ފަސް ބޭފުޅަކަށް އެރިވިއިރު ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް 15 ބޭފުޅަކަށް ލިބުނެވެ.