ފުރަތަމަ ޑިވިޒަންގެ އަށް ޓީމާއެކު މި އަހަރުގެ ޤައުމީ ވޮލީ ލީގުގައި އިއްޔެ ކުޅުނު ދެ މެޗް ކުލަބް ޕީކޭ އާއި ކަސްޓަމްސްގެ ޓީމުން ކާމިޔާބުކޮށް، މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

އިއްޔެ ކުޅުނު ދެމެޗްގެ ތެރެއިން ފުރަތަމަ މެޗް ކުލަބް ޕީކޭއިން ކާމިޔާބުކުރީ ސްޕޯޓްސް ކުލަބް ސިޓީއާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން ނެވެ.

މެޗްގެ ސެޓްތައް ދެޓީމުން ގެންގޮސްފައިވާގޮތަށް ބަލާއިރު، މެޗްގެ ފުރަތަމަ ސެޓް 25 ޕޮއިންޓް 12 ޕޮއިންޓުން ކާމިޔާބު ކުރީ ކުލަބް ޕީކޭއެވެ. ދެ ވަނަ ސެޓް 25 ޕޮއިންޓް 10 ޕޮއިންޓުން ކުލަބް ޕީކޭ ކާމިޔާބު ކުރިއިރު، މެޗްގެ ތިން ވަނަ ސެޓް 25 ޕޮއިންޓް 20 ޕޮއިންޓުން ކާމިޔާބު ކުރީ ސިޓީއެވެ. އަދި މެޗްގެ ފަހު ސެޓް ޕީކޭއިން ކާމިޔާބު ކުރީ 25 ޕޮއިންޓް ހަތް ޕޮއިންޓުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކުލަބް ޕީކޭގެ ބިދޭސީ ކުޅުންތެރިތާ އެސްއޭ ޖަނިތެވެ.

މުބާރާތުގައި ރޭ 8:30 ގައި ކުޅުނު ދެ ވަނަ މެޗް އެސްޓިއޯ އާއި ވާދަކޮށް ކަސްޓަސްއިން ކާމިޔާބު ކުރީ ތިން ސެޓް ދެ ސެޓުން ނެވެ.

މެޗްގެ ސެޓްތައް ދެޓީމުން ކާމިޔާބު ކޮށްފައި ވާގޮތަށް ބަލާއިރު، ފުރަތަމަ ސެޓް 28 ޕޮއިންޓް 26 ޕޮއިންޓުން ކާމިޔާބުކުރީ ކަސްޓަމްސްއެވެ. ދެ ވަނަ ސެޓް 25 ޕޮއިންޓް 22 ޕޮއިންޓުން އެސްޓިއޯގެ ޓީމް ކާމިޔާބު ކުރިއިރު، ތިން ވަނަ ސެޓް އެސްޓިއޯ އިން ކާމިޔާބު ކުރީ 25 ޕޮއިންޓް 21 ޕޮއިންޓުންނެވެ. އެކަމަކު މެޗްގެ ހަތަރު ވަނަ ސެޓު 25 ޕޮއިންޓް އަށް ޕޮއިންޓުން ކަސްޓަމްސް ކާމިޔާބު ކުރިއިރު، މެޗްގެ ފަހު ސެޓް ކާސްޓަމްސް އިން ކާމިޔާބު ކުރީ 16 ޕޮއިންޓް 14 ޕޮއިންޓުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކަސްޓަމްސްގެ ފަލާހް އަބޫބަކުރެވެ.

މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗުގައި މިއަދު ހަވީރު 5:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވި ސިފައިންގެ ކުލަބާއި ސްޕޯޓްސް ކުލަބް ގްޑީސްއެވެ. އަދި މިރޭ 8:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ޕޮލިސް ކުލަބާއި ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާގެ ތީމެވެ.

މުބާރާތުގައި ވާދަކުރާ އަށް ޓީމަކީ، ދިވެހި ސިފައިންގެ ކުލަބާއި، ޕޮލިސް ކުލަބާއި ނައިވާދޫ ޒުވާނުންގެ ޖަމްއިއްޔާ އާއި ސްޕޯޓްސް ކުލަބް ގްޑީސްއާ، ސްޕޯޓްސް ކުލަބް ސިޓީ އާއި ކުލަބް ޕީކޭ އާއި އެސްޓިއޯ އަދި ކަސްޓަމްސް އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

މިމުބާރާތުން އެންމެ ރަނގަޅު ހަތަރު ޓީމެއް 43 ވަނަ ޤައުމީ މުބާރާތަށް ކޮލިފައިވާނެވެ. އަދި ޤައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.