27 Oct 2019, 13:33
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާއިން މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު މަޖިލީހާ ހިއްސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަން އަދި އޭސީސީއިން ގުޅިގެން މިދިއަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކު ހިޔާނާތުގެ ފައިސާއިން މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް ހާމައެއް ނުކުރެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އާމިން އާންމު އައިމިނަތު ނިއުޝާ ވިދާޅުވީ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ މެމްބަރުންގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްދިނުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތަށް އެދިވަޑައިގަތީ މިއަދު ކަމަށް ނިއުޝާ ވިދާޅުވި އެވެ.
އެ މެންބަރުންނާއި މެދު އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް ނިއުޝާ ވިދާޅުވީ، ހިޔާނާތުގެ ފައިސާ ލިބިލެއްވި މެންބަރުންގެ ނަންތައް ހޯއްދެވުމަށް އެދިވަޑައިގަތުމަކީ ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުހަލާގެ ފެށުން ކަމަށެވެ.
ޕްރޮސެކުޓާ ޖެނަރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސިއްރުން ހާމަކުރެއްވި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ބޭފުޅުންގެ ނަންތައް ލީކްވި މައްސަލަ ބެލުމަށް އެކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ.
މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. ކޮމިޓީ ބައެއް ސިއްރުކޮށްގެން ގެންދިޔަ އިރު، ބިޝާމް ވަނީ އެ ނަންތައް ހާމަ ކުރައްވާފަ އެވެ. ނަމަވެސް ފަހުން ބިޝާމް ސިއްރު ބައްދަލުވުމުގައި ދެއްކި ވާހަކަތައް ކޮމިޓީ މެމްބަރުން ވަނީ ފަހުން މީޑިއާއާ ހިއްސާ ކުރައްވާފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.
އެ މައްސަލަތަކުގެ ތަހުގީގު އަދިވެސް ކުރިއަށްދެ އެވެ.