27 Oct 2019, 12:58
ދިވެހި ރާއްޖެއަކީ ވޯލްޑް ކަޕުގައި ވާދަކުރުމަށް ތައްޔާރުވާން ޖެހޭ ގައުމެއް ކަމަށް ސަން ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދ. މީދޫގައި ސިޔާމް އަޅުއްވައި ދެއްވި ބޮޑު ޓާފް ދަނޑު ހުޅުވުމާއި އެ ދަނޑު އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، ދިވެހި ރާއްޖެ އަކީ މުސްތަގުބަލުގައި ވޯލްޑް ކަޕަށް ވެސް ތައްޔާރުވާން ޖެހޭ ވަރުގެ ގައުމެއް ކަމަށެވެ. އެހެން ކަމުން މީދޫގައި ހުޅުވި ފަދަ ދަނޑުތަކެއް އެޅިގެން މުސްތަގުބަލުގައި ކުޑަކުދިން ކުޅެމުން އައިސް ވޯލްޑް ކަޕަށް ވެސް ކޮލިފައި ވެގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ދ. މީދޫގައި އަޅުއްވައިދެއްވި ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
"ރާއްޖެ އަކީ ވޯލްޑް ކަޕަށް ވެސް ތައްޔާރުވާން ޖެހޭ ގައުމެއް. އަޅުގަނޑުމެން މިފަދަ ދަނޑުތައް ހެދިގެން، މުސްތަގުބަލުގައި ކުޑަ ކުދިން ކުޅެމުން އައިސް އިރާދު ކުރެއްވިއްޔާ ވޯލްޑް ކަޕަށް ވެސް ކޮލިފައި ވެގެން ދާނެ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވަނީ އެ ހިސާބަށް ރާއްޖެ ދިއުމުގައި ބޭނުންވާނެ ކަންކަމަށް ވެސް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވައިފަ އެވެ.
"މިކަމަށް ބޭނުން ވަނީ އަޙްލާގް. އަހުލާގު ނެތް ނަމަ ކުޅިވަރަކުން ކުރިއަކަށް ނުދެވޭނެ. އެއްވެސް ކަމަކުން ކުރިއަކަށް ނުދެވޭނެ. އަހުލާގަކީ މީހާ ދިރިއުޅުމުގެ 80 ޕަސެންޓް."
ސިޔާމް ވިދާޅުވީ، ފުރަތަމަ ދަސްކުރަންވީ ކަމަކީ އަހުލާގާ އެކީ ކަންކަން ކުރުން ކަމަށެވެ. އެގޮތުން ސިނގިރޭޓް ބުއިން ހުއްޓާލުމަށް ސިޔާމް ވަނީ ވަރަށް ބޮޑަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ކޯޗުން ބުނާ ގޮތްގޮތަށް ކަންތައް ކުރުމަކީ ފުޓުބޯޅާގައި ދިވެހި ރާއްޖެއަށް ކުރިއަށް ދެވޭނެ ކަންކަން ކަމަށް ސިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން މީދޫގައި ހުޅުވި ދަނޑު ރަނގަޅަށް ބަލަހައްޓައިގެން ގެންގުޅުމަށް މީދޫ ރައްޔިތުންގެ ކިބައިން ސިޔާމް އެދިވަޑައިގެންނެވި އެވެ. އެގޮތުން ދަނޑުގައި ހުސްފަޔާ އަދި ހުސްގަޔާ ކުޅުން މަނާކުރައްވާ ކަމަށާއި ކުޅެން އަރަން ޖެހޭނީ އެކަމަށް އޮންނަ ހާއްސަ އުސޫލުތަކާއި ޔުނީފޯމެއްގައި ކަމަށް ވިދާޅުވި އެވެ.
"މި ދަނޑު ބޭނުން ކުރެވިގެން ދާން ޖެހޭނީ އަޅުގަނޑު ދެކޭ ގޮތުގައި މުސްތަގުބަލުގެ ފައިދާއާއި ލާބައަށް. މިފަދަ ފުޓުބޯޅަ ދަނޑެއް އެޅުމުގެ ސަބަބުން މިރަށުގައި ވަރަށް ގިނަ ކުޅިވަރުތައް ފެށިގެން ދާނެ." ސިޔާމް ވިދާޅުވި އެވެ.