19 Nov 2011, 14:50
ސާކް ސަމިޓްގެތެރޭ އައްޑު އަތޮޅުގައި ބުދު ބަހައްޓައި އީސާގެފާނު ރަމްޒުކޮށްދޭ ބެނާތަކެއް ހުޅުލެ އެއާޕޯޓްގައި ބެހެއްޓީ ރާއްޖޭގައި ލާދީނީ ފިކުރުތަކަށް ޖާގަދީ ފައްޅިއެއް އެޅުމަށް މަގުފަހިކުރަން ކަމަށް ޑރ އަފްރާޝީމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަފްރާޝީމް މިއަދު ވިދާޅުވީ ސާކް ސަމިޓް ތެރޭގައި އިސްލާމްދީން ކުރިއަރުވަން ލިބުނު ފުރުސަތު ދޫކޮށްލުމަށްފަހު ލާދީނީ ފިކުރުތަކަށް ޖާގަދީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ބުދު ބެހެއްޓީ ލާދީނީ ފިކުރު ގެނެސް ފައްޅިއެއް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.
"މިހާރު އެހެރީ ޖުމުހުރީ މައިދާނުގައި ބިންގާ އަޅާފައި ކިހިނެއްތޯ އެގޭނީ އެއީ ފައްޅި އަޅަން ބެހެއްޓި ބިންގާ އެއް ނޫންކަން. ދުނިޔޭގައި އީސާއި ދިން ފަތުރާ މީހުން ފައްޅިއެއް އަޅާނަމަ އެންމެ ފުރަތަމަ ފައްޅި އަޅާނީ އެންމެ ބޮޑު މިސްކިތެއް ކައިރީގައި. ބުދު ފައްޅި މި ރާއްޖޭގައި އަޅާކަމުގައި ވަނީނަމަ އެންމެ ފުރަތަމަ އެމީހުން އަޅާނީ އިސްލާމީ މަރުކަޒުކައިރީގައިވާ ޖުމުހުރީ މައިދާނުގައި،" ޑރ. އަފްރާޝީމް ވިދާޅުވިއެވެ.
ބުދު ބެހެއްޓި މައްސަލަގާއި އިސްލާމިކް މިނިސްޓްރީން އަދާކުރަންޖެހޭ ދައުރު އަދާ ނުކުރާކަމަށް ވިދާޅުވެ ޑރ. އަފްރާޝީމް ވަނީ މިނިސްޓަރު ޑރ މަޖީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ ރާއްޖޭގައި ބުދު ނުބެހެއްޓޭނެ ކަމަށް މިނިސްޓަރުގެ ހައިސިއްޔަތުން ދަންނަވަން ޑރ. މަޖީދަށް ޖެހިވަޑައި ގަންނަވާކަމަށާއި، އެގޮތަށް ރައީސް އަމަލު ނުކުރައްވައި މިހާރު ބުދު ބަހައްޓާފައިވާތީ އެ މަގާމުން ޑރ. މަޖީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"ޑރ. މަޖީދަކީ އިސްލާމްދީން މަތިވެރިކުރުމަށް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެއްކަމުން އޭނާއަށް އެކަން ކުރެވިފައި ނުވާތީ މަޖިލީހުގައި އޭނާ އަށް ރުހުން ނުދިނުމަށް ވެސް މަޖިލިސް މެމްބަރުންގެ ކިބައިން އަޅުގަނޑު އެދެން،" ޑރ. އަފްރާޝީމް ވިދާޅުވި އެވެ.
ޑރ. އަފްރާޝީމް މިހެން ވިދާޅުވިއިރު އައްޑޫގައި ބަހައްޓާފައިވާ ބުދު ހިމެނޭ މޮނިއުމަންޓްތަކުގެ މައްސަލަ ހައްލުކުރެވޭނީ، އެ އެއްޗެހި ބެހެއްޓި ޤައުމުތަކާ ވާހަކަ ދައްކައިގެން ކަމަށާއި އެ ގައުމުތަކުގެ އެއްބާރުލުމާއެކު އެއެއްޗެހިތައް ނެގުމަށް ޑރ. އަބުދުލްމަޖީދު އަބުދުލްބާރީ ވަނީ ގޮވައިލައްވާފަ އެވެ.