27 Oct 2019, 10:30
ދުނިޔޭގެ މަގުބޫލު ޔޫޓިއުބަރުންތަކެއް ގުޅިގެން 20 މިލިއަން ގަސް އިންދުމަށް ބޮޑު ޕްރޮޖެކްޓެއް ފަށައިފި އެވެ.
މަޝްހޫރު ޔޫޓިއުބަރެއް ކަމަށްވާ "މިސްޓަރ ބީސްޓް" އިސްކޮށް ހުރެ މި ޕްރޮޖެކްޓް އިއުލާނުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.
އެ ޕްރޮޖެކްޓުގައި ބޮޑެތި ޔޫޓިއުބަރުން ބައިވެރިވާއިރު އެ ހުރިހާ ޔޫޓިއުބަރުންގެ ޖުމްލަ ސަބްސްކްރައިބަރުންގެ އަދަދު 650 މިލިއަނަށް އަރައެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 20 މިލިއަން ގަސް އިންދުމަށްޓަކައި 20 މިލިއަން ޑޮލަރުގެ ފައިސާ ހޯދުމަށް މަސައްކަތްކުރާނެއެވެ.
ގަސް އިންދަން ފެށުމުގެ ޕްރޮޖެކްޓް ލޯންޗުކޮށްފައިވަނީ 1،700 ގަސް އިންދުމަށެވެ.
ގަސް އިންދުމަށް ފައިސާ ހޯދުމަށްޓަކައި މިސްޓަރ ބީސްޓް އަށް އެހީވާ ޔޫޓިއުބަރުންގެ ތެރޭގައި "ރެޓް އެންޑް ލިންކް" އާއި "އޭސެޕް ސައިންސް" އާއި "ޓްރައި ގާއިސް" އާއި "ޖެފްރީ ސްޓާ" އަދި "ލައިނަސް ޓެކް" ހިމެނެއެވެ.
ފަންޑަށް ލިބޭ ފައިސާ ހަވާލުކުރާނީ އެމެރިކާގެ ނޮން ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ އާރބާރ ޑޭ ފައުންޑޭޝަނާއެވެ. އެ ޖަމިއްޔާއަކީ ގަސް އިންދުމުގައި އަމަލީގޮތުން ހަރަކާތްތެރިވާނެ ފަރާތްތަކެވެ.
މިއަހަރުގެ އޭޕްރިލް މަހުގައި މިސްޓަރ ބީސްޓް އަށް ވަނީ 20 މިލިއަން ސަބްސްކްރައިބަރުން ހަމަވެފައެވެ. އެއާއެކު އޭނާގެ ސަބްސްކްރައިބަރުން ބުނެފައިވަނީ 20 މިލިއަން ފާހަގަކުރަން 20 މިލިއަން ގަސް އިންދުން ރަނގަޅު ވާނެ ކަމަށެވެ.