އެމްޑީޕީ ސަރުކާރަށް ވުރެ ފަސޭހައިން ބަދަލު ކުރެވޭނެ ސަރުކާރެއް ބިންމަތީގައެއް ނެތް ކަމަށާއި އެކަން 2013ގެ ރިޔާސީ އިންތިހާބުގައި ރައްޔިތުނަށް ދައްކައި ރައްޔިތުން ބޭނުންވާ ފަދަ މަޑުމައިތިރި ވެރިޔަކު ރައްޔިތުންނަށް ހޯދައިދެއްވާނެ ކަމަށް ޑީއާރްޕީއާ އެކު ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީ/ގައުމީ ޕާޓީ ކޯލިޝަނަށް ތާއިދު ހޯދުމަށް ނ. ހޮޅުދޫ އަށް އިއްޔެ ކުރި ދަތުރުގައި ރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ޑރ. ޖަމީލު ވިދާޅުވީ ރައީސް ނަޝީދު ރައްޔިތުންނާ މެދު ކަންތައް ކުރާ ގޮތުން މި ސަރުކާރު ބަދަލު ކުރަން ދިވެހިންނަށް ފަރުޟުވެއްޖެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ކަންތައް ކުރާ ގޮތަކީ ރައްޔިތުންގެ އަތުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ހަރަދު ކުރަނީ އެމްޑީޕީގެ މެންބަރުންނަށް ކަމަށާއި ސަރުކާރަށް ލިބޭ އާމްދަނީއަށް ނުކަތާ ވަރަށް ސިޔާސީ މަގާމުތައް އިތުރު ކުރަމުންދާ ކަމަށެވެ. އެ ކަންތައްތަކަކީ ދިވެހިންނަށް ގަބޫލު ކުރެވޭނެ ކަންތަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ތިޔަ ބޭފުޅުން ރުއްސުމަށް ދައްކާ ވާހަކައެއް ނޫން މިއީ. މިއަދު ދުނިޔޭގެ ކޮންމެ ތަނަކަށް ބެލިޔަސް މިއަށް ވުރެ ފަސޭހައިން ބަދަލު ކުރެވޭނެ ސަރުކާރެއް ބިންމަތީގައި ނެތް. އެކަން އިރާދަކުރެއްވިއްޔާ 2013ގައި ދައްކާދޭނަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބަހައްޓާފައިވާ މޮނިއުމަޓްތަކުގެ ތެރެއިން ބުދު ހިމެނޭ ޕާކިސްތާނު މޮނިއުމަޓަށް ބަޔަކު ހަމަލަދޭން އުޅުމުން އެ ބުދުތަކަށް ފުލުހުން ހިމާޔަތް ދިން މައްސަލައަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލު ވިދާޅުވީ ބުދުތަކާއި ޑޮލަރުތަކާއި ލާދީނީ މީހުންގެ ފަހަތުގައި ފުލުހުން ފާރައަށް ބޭތިއްބުމަކީ ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންތަތައްތައް ރާއްޖޭގެ އިތުރުވެގެންދިއުމުން ކޮންމެހެން ވެސް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ޑީއާރްޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުންތަކުގެ ސަބަބުން މެންބަރުންގެ މާޔޫސްވެ ޕާޓީގެ މަސައްކަތް ހީނަރުވެއްޖެ ނަމަ ދެން ވެސް އޮންނާނީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ކަށަވަރު ކަމަށެވެ. އަދި 2013 ރިޔާސީ އިންތިހާބު ޑީއާރްޕީއަށް ކާމިޔާބު ކުރެވޭނީ ޑީއާރްޕީއަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމި އޮވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ތަޖުރިބާހުރި ޓީމަކީ ޑީއާރްޕީ/ގައުމީ ޕާޓީގެ ކޯލިޝަން ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމުން ސަލާމަތް ކުރުމަށް ވެރިކަން ބަދަލު ކުރުމަކީ ޑީއާރްޕީ/ގައުމީ ޕާޓީގެ ކޯލިޝަންގެ ގައުމީ ޒިންމާއެއް ކަމަށް ތަސްމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އާ ހިތްވަރަކާއެކީގައި ދިވެހި ރައްޔިތުންނަށް ޓަކައި މި މަސައްކަތުގާ ސާބިތު ކަމާއެކީ ކުރިއަށް ދިއުން. އެއީ މިވަގުތު އަޅުގަނޑުމެން މާޔޫސްވެ، ހީނަރުވެއްޖެ ނަމަ އަޅުގަނޑަށް ކަށަވަރުކޮށް ދަންނަވަން އިނގޭ ރާއްޖޭގައި ދެން ވެސް އޮންނާނީ އެމްޑީޕީގެ ސަރުކާރެއްކަން،" ތަސްމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ވެފައިވާ ވައުދުތައް ރައްޔިތުންނަށް ފުއްދިފައި ނުވާ ކަމަށް ތަސްމީން ވިދާޅުވަމުންދާ ވާހަކަފުޅު ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށްޓަކާ އިގްތިސާދު ރަނގަޅުކުރުމަށް ތިބި އިންވެސްޓަރުންގެ އިތުބާރު މި ސަރުކާރަށް ގެއްލިފައިވާ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި ހިތުހުރި ގޮތަކަށް މި ސަރުކާރުން ކަންތައް ކުރަމުންދާ ކަމަށް ތަސްމީން ވިދާޅުވި އެވެ.

"މިއަދު މި އޮތް ސަރުކާރު ބަދަލުކޮށްލެވޭނެ ޓީމެއް އޮތީ، ރައްޔިތުން ބަލައިގަންނާނެ ބަޔަކު ތިބީ، އެ ފުރުސަތު އޮތް ބަޔަކީ ހަމައެކަނި ޑީއާރްޕީ ކަމަށް ވާތީ މިއަދު ޑީއާރްޕީގެ ޒިންމާއަކީ ގައުމީ ޒިންމާއެއް. ގައުމީ ޕާޓީއާ ޑިއާރްޕީއާ އެއްވީމާ އަޅުގަނޑުމެން މިނެރޭ ޓީމަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނޭ ޓީމަކަށް ވާތީ،" ތަސްމީން ވިދާޅުވި އެވެ.