19:00


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ އަބުރުފުޅު ރައްކާތެރި ކުރެއްވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް، ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް މައުމޫނާއި، އެ މަނިކުފާނުގެ ސަރުކާރުގައި ހިމެނުނު ބައެއް ފަރާތްތަކުން 400 މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވެ ވަޑައިގެންފައިވާ ކަމަށް ބުނެ ނިއުޔޯކް ޓައިމްސްގައި، ލިޔެފައިވާ ރިޕޯޓާ ގުޅިގެން، ތަސްމީން ވިދާޅުވީ، އެކަމަކީ، ސިޔާސީ ބޭނުމަކަށްޓަކައި، ރައީސް މައުމޫނުގެ އަބުރުފުޅު ނަގާލުމަށް މިއަދުގެ ސަރުކާރު ފަހަތުގައި އޮވެގެން ކުރާ ކަމެއް ކަމަށެވެ. އަދި އެކަމަކީ، އިންތިހާބު ކައިރިވެގެން އަންނައިރު މީގެކުރިން ވެސް މި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް، އަންނަންއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކާ ގުޅިގެން، ރައީސް މައުމޫނާއި ޑީއާރުޕީ އަށް، ސިޔާސީގޮތުން ހަމަލަ ދިނުމުގެ ބޭނުމުގައި، ލިޔެފައިވާ ހަގީގަތެއް ނެތް އާޓިކަލެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


އަދި ރައީސް މައުމޫނުގެ އަބުރުފުޅު ރައްކާތެރި ކުރުމަށާއި، ސިޔާސީ ބޭނުމަށްޓަކައި ސަރުކާރުން ފަތުރަމުން އެ ގެންދާ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އެގޮތުން ޑިޕްލޮމެޓިކް ގޮތުން ބޭރު ގައުމުތަކުގެ އެމްބަސީތަކުގެ އިސް ފަރާތްތަކަށް އެ މައުލުމާތުތައް ދެއްވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ތަސްމީން އަދި ވިދާޅުވީ، އެ ވާހަކަތައް ފެތުރުމުގައި ސަރުކާރުގެ އަތެއްވާކަން ދޭހަވަނީ، އެ އާޓިކަލްގައި ފިނޭންސް މިނިސްޓަރ އަލީ ހާޝިމަށް ކޯޓުކޮށްފައިވާ ވާހަކަތަކުން ކަމަށެވެ. އަދި އެފަދަކަމެއް ކުރަންވާނީ، ތަހުގީގެއްކޮށް ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން، ރައީސް މައުމޫނަކީ، ހާއްސަ އިއްޒަތާއި ގަދަރެވެ. ގާނޫނުއަސާސީ އާއި ގާނޫނުން ލިބިދީފައިވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ގަދަރާ އިއްޒަތް ހިމާޔަތް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވި އެވެ.