27 Oct 2019, 10:28
ބަހްރެއިންގެ ގަލްފް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ގަލްފް އެއާގެ ފުރަތަމަ ފްލައިޓު މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވާއިރު ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށް ވަނީ ވޯޓާ ސެލިޔުޓެއް އަރުވައިފައެވެ.
ގަލްފް އެއާގެ ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި ސިވިލް އޭވިއެޝަން އޮތޯރިޓީގެ ވެރިން އަދި އެމްއެމްޕީއާރުސީގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ގަލްފް އެއާގެ ޗީފް ކޮމާޝަން އޮފިސަރު ވިންސެންޓް ކޯސްޓޭ ވިދާޅުވީ ރާއްޖެ ފަދަ މަންޒިލަކަށް އެ އެއާލައިނުގެ ދަތުރުތައް ފެށުމަކީ އުފަލެއް ކަމަށެވެ. ހާއްސަކޮށް ރާއްޖެފަދަ ފަތުރުވެރިކަމުގެ މަންޒިލަކަށް ގަލްފް އެއާގެ ދަތުރުތައް ބޭއްވުމަކީ އެ އެއާލައިނަށްވެސް މުހިއްމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ފަސް ފްލައިޓު ބާއްވާނެއެވެ. އެ އެއާލައިނުން ދަތުރުތައް ބާއްވާނީ ބަހްރެއިން-މާލެ-ކޮލަމްބޯ-މާލެ-ބަހްރެއިން ރޫޓުންނެވެ.
ގަލްފް އެއާއިން ރާއްޖެއަށް ދަތުރުތައް ބާއްވާނީ އޭ320 ނިއޯ ޖެޓް އެއްގައެވެ.
ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު ދާދިފަހުން ކެނެޑާގެ މޮންޓްރިއޯލްގައި ބޭއްވި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ)ގެ 40 ވަނަ އާންމު ޖަލްސާގެ ހަވާސާގައި ރާއްޖެ އާއި ބަހްރެއިން އާއި ދެމެދު ވަނީ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މެދުއިރުމަތީގެ ގައުމުތަކުން މިހާރުވެސް ރާއްޖެއަށް ގިނަ ފްލައިޓުތަކެއް ބާއްވައެވެ. އޭގެ ތެރޭގައި ޔޫއޭއީގެ އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސްގެ އިތުރުން ގަތަރު އެއާވޭސް ހިމެނެ އެވެ. މި އެއާލައިނުތަކަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ އެއާލައިނުތައްވެސް މެއެވެ.
ހުރެއިނުގެ ގަލްފް އެއާ އިން ރާއްޖެއަށް އުދުހުންތައް ފެށުމަކީ މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންވެސް އިތުރުވާނެ ކަމެކެވެ. މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މެދު އިރުމަތިން 42،774 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.