ޔާޝްރާޖް ފިލްމްސްގެ ކާމިޔާބު ފްރެންޗައިސް ސީކުއެލް ދޫމްގެ ހަތަރު ވަނަ ބައިން ބޮލީވުޑްގެ ސުޕަސްޓާރު އަކްޝޭ ކުމާރު ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނި ނަމަވެސް އޭނާ އެ ފިލްމު ކުޅެން އެއްބަސްނުވާކަމަށް ޔާޝްރާޖް އިން ބުނެފިއެވެ.

އެ ފިލްމުގެ ހަތަރު ވަނަ ބައިން އަކްޝޭ ފެންނާނެ ކަމަށް ޚަބަރުތައް ބުނި ނަމަވެސް ޔާޝްރާޖް ފިލްމްސް އާ ހަވާލާދީ ޑީއެންއޭ ބުނީ އަކްޝޭ އެ ފިލްމުގައި ހަރަކާތެރިނުވާ ކަމަށާއި ފިލްމުގެ ސްކްރިޕްޓްވެސް އަދި ތައްޔާރުނުކުރާ ކަމަށެވެ.

ބޮލީވުޑްގެ ގިނަ ސުޕާ ތަރިންތަކެއް ދޫމްގެ ލީޑު ރޯލުން ފެނިގެންދިޔައިރު ދޫމް 4 ފެންނާނެ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.

ދޫމް އެކަކުން ފެނިގެންދިޔަ ލީޑުތަރިންނަކީ ޖޯން އަބްރަހަމް އާއި އީޝާ ޑިއޯލްއެވެ. ފިލްމުގެ ދެވަނަ ބައިން ރިތިކް ރޯޝަން އާއި އައިޝްވާރިއާ ރާއީ ފެނިގެންދިޔައިރު ތިން ވަނަ ބައިން ފެނިގެންގޮސްފައިވަނީ އާމިރް ހާން އަދި ކެޓްރީނާ އެވެ.