19 Nov 2011, 13:56
މަސް ހިފަން ގޮސް އުޅުނު ފ. ބިލެތްދޫ ކުއްޖަކު ގެބިނގެން މަރުވެއްޖެ އެވެ.
ބިލެތްދޫން ވާހަކަ ދެއްކި މީހަކު ބުނީ މަރުވެފައި ވަނީ އެ ރަށު ނިއުޔޯކް ހައުސް މުހައްމަދު ޖުމާން 15، ކަމަށެވެ.
އަދި ޖުމާން ގެނބުނީ މިއަދު ހެނދުނު ބޮއްކުރައެއްގައި އިތުރު ދެ ކުއްޖަކާ އެކު ކުޑަބޮއްކުރައެއްގައި މަސްހިފަން ހުރެފައި މޫދަށް ފޭބިވަގުތު އޮޔާ ދަމައިގަނެގެން ކަމަށެވެ.
ބިލެތްދޫން ވާހަކަ ދެއްކި މީހާ ބުނީ ޖުމާން އަށް ކޮންމެވެސް ވަރަކަށް ފަތަން އެނގޭނެ ކަމަށާއި ނަމަވެސް ބޮއްކުރައިން ފޭބި ވަގުތު އޮޔާ އެކު ކަނޑަށް ދަމައިގަތީ ކަމަށެވެ. އަދި އެވަގުތު ބޮއްކުރާގައި ތިބި ދެ ކުދިން ވެސް ޖުމާން ސަލާމްތަ ކުރަން އެހީތެރިވި ކަމަށެވެ.
އެއަތޮޅު ނިލަންދޫ ހޮސްޕިޓަލުން ބުނީ ޖުމާން ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
ޖުމާން އާއި އޭނާގެ ދެ އެކުވެރިން މަސްބާނަން ތިބީ ބިލެތްދޫ އާ 50 ހަކަށް ފޫޓު ބޭރުގަ އެވެ.