19 Nov 2011, 13:02
އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓާ ގުޅިގެން އެ ސިޓީގައި ބަހައްޓާފައި ހުރި މޮނިއުމަންޓްތަކުގެ މައްސަލަ ޙައްލުކުރެވޭނީ، އެ އެއްޗެހިތައް ބެހެއްޓި ޤައުމުތަކާ ވާހަކަ ދައްކައިގެން އެބައި މީހުންގެ އެއްބާރުލުމާ އެކު އެއެއްޗެހިތައް ނެގުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލްމަޖީދު އަބުދުލްބާރީ ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ބެހެއްޓި މޮނިއުމަންޓްތަކުގެ މައްސަލައިގައި ޑރ. މަޖީދު މިއަދު ވިދާޅުވީ މޮނިއުމަންޓްތައް ބެހެއްޓި ގިނަ ގައުމުތަކަކީ ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކަށް ވާތީ އެ އެއްޗެހިތަކަށް ގެއްލުންދީ ކަންތައްތައް ކުރުމުން އެ ގައުމުތަކަށް ގޮސް އުޅުމުގައި އުދަނގޫތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ބަޔަކު ކުށެއް ކުރުމުން ރައްޔިތުން ނުކުމެ އަމިއްލައަށް ހުކުމް ތަންފީޒުކުރުމަކީ ކަންތައްތައް ހައްލުކުރުމަށް އޮންނަ ގޮތް ނޫންކަމަށާއި ކޮންމެ ކަމެއްވެސް ޙައްލުކުރަން ވާނީ އެކަމެއް ކުރަން އޮންނަ އުސޫލުން ކަމަށެވެ. އަދި ރައްޔިތުން ނުކުމެ އެފަދަ ކަންތައްތައް ކުރުމުން މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މޮނިއުމަންޓްތައް ބެހެއްޓި ގައުމުތަކުގެ އެމްބަސީތަކާ ވާހަކަ ދައްކައިގެން އެތަކެތި ނެގުމަށް ފޮރިން މިނިސްޓްރީ އަށާއި ރައީސް އޮފީހަށާއި ފުލުހުންގެ އިތުރުން އައްޑޫ ސިޓީ އަށް ސިޓީ ފޮނުވާފައިވާނޭ ކަމަށެވެ.
"ކަމާ ބެހޭ ހުރިހާ ތަނަކަށް ސިޓީ ވެސް ފޮނުވިން. ބުދު ހުރި މޮނިޔުމަންޓްތައް ނަގަން ޖެހޭނޭ ކަމަށާއި އެއީ ދީނީ ގޮތުން ވެސް ދިވެހިރާއްޖެ ފަދަ އެހެން ދީނެއް ނެތް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ބެހެއްޓިގެންވާނޭ އެއްޗެއް ނޫން ކަމަށް އެންމެ ފުރަތަމަ ދުވަހު ވެސް އަޅުގަނޑު ވާނީ ބުނެފައި،" ޑރ.މަޖީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގައި ހުރި ބައެއް މިސްކިތްތަކަށް ބަޔަކު ގެއްލުންދީ ހެދީ މޮނިއުމަންޓްތައް ހަލާކުކޮށް ގެއްލުންދީ ހެދުމުން ކަމަށް ބައެއްފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ބުދުތަކެއް ވެސް އަދި ބެނާތައް ވެސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އަކަށް އެމިނިސްޓްރީގައި އެއްވެސް ފަރާތަކުން އެދިފައިނުވާ ކަމަށާއި އަދި އެފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައި ނުވާނެ ކަމަށް ޑރ.މަޖީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
ބުދު ހިމެނޭ މޮނިއުމަންޓްގެ މައްސަލަ އަދާލަތުން ވަނީ ޕީޖީ އަށް ވެސް ފޮނުވާފަ އެވެ.