26 Oct 2019, 12:48
އަންނަ ޖެނުއަރީމަހު އެވިޑް ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިއްޔެ ބޭސްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ހުޅުވާލާފައިވާއިރު ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދުގެ ބައްޕާފުޅުގެ ނަމުގައި ކޮންމެއަހަރުކުވެސް ޖެނުއަރީ އިންޓޭކަށް ހުޅުވާލެވިގެންދެވޭ "ނާއިބު ރަޝާދު ސްކޯލާޝިޕް" އަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ.
ނައިބު ރަޝާދަކީ އިންޑިޔާއިން ތައުލީމު ހާސިލްކުރެއްވުމަށްފަހު ގދ. ތިނަދޫގެ ނައިބުކަން ކުރެއްވިބޭފުޅެކެވެ. މީގެއިތުރުން އެދުވަސްވަރު ތިނަދޫގައި ހުރި ހުވަދުއަތޮޅަށް ނިސްބަތްވާ އަތޮޅުމަދަރުސާ، މަދަރުސަތުލް އަމީރު އިބްރާހީމުގެ މަތީ ކުލާސްތަކުގެ ދަރިވަރުންނަށް އިސްލާމް އަދި އުރުދޫބަސް ކިޔަވައިދެއްވި އެވެ. އަދި ގއ.ވިލިގިލީ ނާއިބުކަމުގައި ހުންނެވި ދުވަސްވަރު މަދަރުސަތުލް ބަހިއްޔާގެ މުދައްރިސެއްގެގޮތުން އެތާނގެ ދަރިވަރުންނަށް އިސްލާމާއި އަދި އަރަބިބަސް ކިޔަވައިދެއްވިއެވެ.
މި ސްކޯލާޝިޕް ސްކީމްގެ ދަށުން މާލޭގައި ކިޔަވާ ދަރިވަރުންނަށް 50 ސްކޮލަޝިޕް ގެ ފުރުސަތު ހުޅުވާލާލައިވާއިރު 100 ސްކޮލަޝިޕް ހާއްސަކޮށްފައިވަނީ ގދ. ތިނަދޫއަށެވެ. އަދި 50 ސްކޯލާޝިޕް އައްޑޫ ސިޓީއަށް ހާއްސަކުރެވިފައިވާއިރު، ޖުމްލަ 200 ވުރެގިނަ ސްކޯލާޝިޕް އެވިޑް ކޮލެޖުން ވަނީ ޖެނުއަރީގެ އިންޓޭކްއަށް ހާއްސަކޮށްފަ އެވެ.
މާސްޓާސްގެ ހުރިހާ ޕްރޮގްރާމްތަކުން ކޯސްފީގެ 100ޕަސެންޓު ސްކޮލާޝިޕްގެ އެއް ފުރުސަތު އާއި 50 ޕަސެންޓުގެ ތިން ފުރުސަތު މާލެއާއި އައްޑޫއަށް ވަނީހަމަޖައްސާފަ އެވެ.
ގދ. ތިނަދޫއަށް ހާއްސަކޮށް މާސްޓާސްގެ ހުރިހާ ޕްރޮގްރާމުން ކޯސްފީގެ 100 ޕަސެންޓުގެ ދެ ފުރުސަތާއި 50 ޕަސެންޓުގެ ފަސް ފުރުސަތު ސްކޮލާޝިޕްގެ ދަށުން ވަނީ ހަމަޖައްސާފަ އެވެ.
މާލެއަށާއި އައްޑޫއަށް ޑިޕްލޮމާގެ ހުރިހާ ޕްރޮގްރާމްތަކުން ކޯސްފީގެ 50 ޕަސެންޓު ސްކޮލާޝިޕްގެ 20 ފުރުސަތު ހަމަޖެހިފައިވާއިރު ތިނަދޫއަށް ހާއްސަކޮށް ޑިޕްލޮމާގެ ހުރިހާ ޕްރޮގްރާމަކުން ކޯސްފީގެ 50 ޕަސެންޓުގެ 20 ފުރުސަތުވަނީ ހަމަޖައްސާފަ އެވެ.

އެވިޑް ކޮލެޖުގެ 2020 ޖެނުއަރީ އިންޓޭކް ފެށުމަށް ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ/ އެވިޑް ކޮލެޖް
މީގެ އިތުރުން މާލެއަށާ އައްޑޫއަށް ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސްގެ ކޯސްފީގެ100 ޕަސެންތުގެ 10 ފުރުސަތު އަދި 50 ޕަސެންޓުގެ 20 ހަމަޖައްސާފައިވާއިރު ތިނަދޫއަށް ހާއްސަކޮށް ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސްގެ ކޯސްފީގެ 100 ޕަސެންޓު 20 ފުރުސަތާއި 50 ޕަސެންޓުގެ 30 ފުރުސަތު ވަނީހަމަޖައްސައިފައެވެ.
މާސްޓަރސް އަދި ޑިގްރީ ޕްރޮގްރާމްތަކަށް އެޕްލައިކުރާ ދަރިވަރުންގެ ތެރެއެއިން އަލްޓަނޭޓިވް އެންޓްރީއިން ހަމަނުވާ ދަރިވަރުންނަށް ފުރުހަމަކުރަންޖެހޭ އެމްކިއުއޭ އިން އެޕްރޫވްކުރެވިފައިވާ ޔުނިވަރސިޓީ ޕްރިޕްރޭޝަން ޕްރޮގްރާމް އަދި ޕްރީ-މާސްޓަރސް ޕްރޮގްރާމް މިސްކޮލަރޝިޕްގެ ދަށުން ފުރިހަމަ ކުރެވޭނެކަމަށް އެވިޑު ކޮލެޖުން ބުންޏެވެ.
މީގެއިތުރުން ސެޓްފިކެޓް 3 ގެ ހުރިހާ ޕްރޮގްރާމަކަށް އެޕްލައިކުރާ ފަރާތްތަކަށް މިސްކޮލަރޝިޕްގެދަށުން 50 ޕަސެންޓުގެ ސްކޮލަރޝިޕް ލިބިގެން ދާނެކަމަށާއި .އެވިޑް ކޮލެޖުގައި ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެކޮލެޖުން ބުންޏެވެ.
އެވިޑް ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭކް 2020 ގައި ފެށޭ ކޯސްތަކުގެ އެންމެ ބޮޑު އެއް އަމާޒަކީ ވަޒީފާގައި ބުރަކޮށް އުޅެމުންވެސް ލުއިފަސޭހަ ގޮތްތަކަށް ކިޔެވޭނެ ފުރުސަތުތައް ތަނަވަސްކޮށް ދިނުން ކަމަށެވެ.
އެވިޑް ކޮލެޖުގައި ހިންގޭ ކޮންމެ ކޯހަކީވެސް ޒަމާނީ ސީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ދަރިވަރުންނަށް ފަސޭހައިން ކިޔެވޭނެހެން ރޭވިގެން ކުރިޔަށް ގެންދާ ކޯސްތަކެއްކަމަށާއި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ވެސް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށް ދިނުމުގައި ބޭނުން ކުރާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
އެވިޑްކޮލެޖުން މި ފަހަރު އަލަށް ތައާރަފް ކުރި ޕްރޮގްރާމްތަކުގެ ތެރޭގައި އަރަބި ލޭންގުއޭޖް ލެވެލް 1، 2 އަދި 3، ގުރުއާން ލެވެލް 1، 2 އަދި 3، ހޮސްޕިޓެލިޓީ މެނޭޖްމެންޓް ސެޓްފިކެޓް 3، ޑިޕްލޮމާ އިން ޓީޗިންގ އިސްލާމް އަދި މާސްޓާރސް އޮފް އެޑިއުކޭޝަން އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ހިމެނެއެވެ. މިޕްރޮގްރާމްތައް ތައާރަފް ކުރުމުގެ މަގުސަދަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިވެހިން އިތުރުކުރުމަށް އެހީތެރިވުމެވެ.
މިގޮތުން ހޮސްޕިޓެލިޓީ މެނޭޖްމެންޓް ސެޓްފިކެޓް 3 ގެ ސަބަބުން ދިވެހިރާއްޖޭގެ ހޮސްޕިޓޭލިޓީ އިންޑަސްޓްރީއަށް މިހާރަށްވުރެގިނަ ދިވެހި ދަރިން ތަމްރީންވެ ނުކުންނާނެ ކަމަށާއި އަދި ދިވެހިރާއްޖޭން ބިދޭސީންނަށް މިހާރު ބަރޯސާވާ ބައެއް ވަޒީފާތަކަށް ދިވެހި މުއައްޒަފުންނަށް ފުރުސަތުލިބި ރާއްޖޭގެ އިގްތިސާދް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް އެ ކޮލެޖުން ބުންޏެވެ.
އަދި މިފަހަރު ފުރުސަތު ހުޅުވައިލެވޭ މާސްޓާރސް އޮފް އެޑިއުކޭޝަން އިން އާލީ ޗަލްޑްހުޑް އެޑިއުކޭޝަން އަކީ ރާއްޖޭގައި މިހާރު ފަށާތައުލީމުގެ ދާއިރާއިން ތަމްރީނުވެ ފުރަތަމަ ޑިގްރީ ނިމިފައިތިބި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގޭ ކޯހެއް ކަމަށާއި ކޮލެޖުގެ އުއްމީދަކީ ރާއްޖޭގެ ސުކޫލުތަކުގެ ފަށާތައުލީމުގެ މަރުހަލާގަ އުނގަންނަވައިދެއްވާ މުދައްރިސުންންކީ އެކަމަށް ގާބިލް ބަޔަކަށް ހެދުން ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.
އެވިޑް ކޮލެޖުގައި ހިންގާ ހުރިހާ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ގަބޫލުކުރާ ކޯސްތަކެކެވެ.އެ ކޮލެޖުން ދަސްވެނިވާ ކޮންމެ ދަރިވަރަކަށް އެވިޑް ކޮލެޖުން ދޭ ސަނަދަކީވެސް ރާއްޖެއިން ބޭރުގެ ބައެއް ކޮލެޖުތަކާއި، ޔުނިވާސިޓީތަކަކުންވެސް ބަލައިގަންނަ ސަނަދު ތަކެކެވެ.
އެވިޑް ކޮލެޖުން މިފަހަރު ކޯސްތަކަށް ހުޅުވައިލި ރަސްމިއްޔާތުގައި ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމުގެ ގޮތުން ވެސް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މި ރަސްމިއްޔާތުގައި ވަނީ ކޮލެޖްގެ ދަރިވަރުންނާއި ކޮލެޖްގެ ސްޓާފުންގެ މެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗުތަކެއްވެސް ކުޅެވިފައެވެ.
ކޮލެޖުގެ އަންހެން ދަރިވަރުންގެ ޓީމް ވާދަކޮށްފައިވަނީ ކޮލެޖުގެ އަންހެން ސްޓާފުންގެ ޓީމަކާއެވެ.އަދި ކޮލެޖުގެ ފިރިހެން ދަރިވަރުންގެ ޓީމް ވާދަކޮށްފައި ވަނީ ކޮލެޖުގެ ފިރިހެން ސްޓާފުންގެ ޓީމަކާއެވެ.
އެވިޑް ކޮލެޖުން ބުނީ އެ ކޮލެޖުގެ 2019 ވަނަ އަހަރުގެ ގްރެޖުއޭޝަން ހަފްލާ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އޮންނާނެ ކަމަށެވެ.