19 Nov 2011, 12:44
މިދިޔަ މަހު ކެންސަލްކުރި އެސްއެސްސީ ދިވެހި އިމްތިހާން މިއަދު ރާއްޖޭގެ ހުރިހާ ސާނަވީ ސުކޫލެއްގައި ފަށައިގެން ކުރިޔަށް އެބަދެ އެވެ.
މިއަދު އިމްތިހާނު ފެށި އިރު 6,000 ވުރެ ގިނަ ދަރިވަރުން އެސްއެސްސީ ދިވެހި ޓެސްޓް މިއަދު ހަދާނެ އެވެ. ރާއްޖޭ ހުރިހާ ސާނަވީ ސުކޫލަކުން 10،000 ވުރެ ގިނަ ދަރިވަރުން އޯލެވެލް އިމްތިހާން ހެދި އެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ ދިވެހި ޓެސްޓް ފަސް ކުރުމުން ހިޔާލު ތަފާތުވުންތަކެއް އުޅުނު ނަމަވެސް މިއަދު އަލުން ޓެސްޓް ކުރިޔަށްދާއިރު އެއްވެސް މައްލައެއް އަދި ނެތް ކަމަށެވެ.
އޮކްޓޯބަރު މަހު ދިވެހި އިމްތިހާން ކެންސަލް ކުރީ ދިވެހި އިމްތިހާނުގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން ޓީޗަރުންނަށާއި ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހުރިހާ ރަށްރަށަކަށް ފޮނުވި ސާމްޕަލް ކަރުދާހާއި އިމްތިހާން ކަރުދާހުގައި އެއްގޮތް ސުވާލުތަކެއް ހުރުމުން އެކަން ބެލުމަށް ފަހު އެވެ.
ނަމޫނާ ކަރުދާހާއި އަސްލު ކަރުދާސް އެއް ގޮތްވެގެން ޓެސްޓް ކެންސަލުކޮށް އަލުން ޓެސްޓް ނަގަން ހަމަޖެއްސުމުން ވަރަށް ގިނަ ބައެއް ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.
މިއީ ރާއްޖޭގައި އިމްތިހާނު ކަރުދާހެއްގައި އެކަހަލަ މައްސަލައެއް ޖެހި، ދެވަނަ ފަހަރަށް އިމްތިހާނު ބޭއްވުމަށް ނިންމި ފުރަތަމަ ފަހަރެވެ.