އޮފް ސީޒަނާއެކު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ކުރިއެރުން މަޑުޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފި އެވެ.

އެމްއެމްއޭ ގެ ސާވޭ ރިޕޯޓުގައި ބުނީ އޮފް ސީޒަނާއެކު ރިސޯޓުތަކުގެ ބުކިން 37-67 ޕަސެންޓު ދަށަށް ދިޔަ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވުމާއެކު އަންނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ރިސޯޓު ބުކިންގް 87 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު ރޫމް ރޭޓުތައްވެސް ރަނގަޅު ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރުން ފެށިގެން އޭޕްރީލް އާއި ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ޖެހިލަ އެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މި ސީޒަނާ ދިމާކޮށް ރާއްޖޭގައި އާ ރިސޯޓުތައްވެސް ދަނީ ހުޅުވަމުންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ލޭބާ ކޯސްޓު (މުވައްޒަފުންގެ ހަރަދުތައް ބޮޑުވުން) އަދި ބައެއް ސަބަބުތަކާހުރެ ވިޔަފާރި ކުރިއެރުމަށް ހުރި ގޮންޖެހުން ތަކެވެ. މީގެ އިތުރުން ހުނަރުވެރި މުވައްޒަފުން ނުލިބުމާއި ޑިމާންޑު ނެތުމަކީވެސް އޮތް ގޮންޖެހުމެއް ކަމަށް ވަނީ ބުނެފަ އެވެ.

އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭ އަކީ ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ސިނާއަތްތަކުގެ މަސައްކަތް ހުރިގޮތް ބަލާ އިގްތިސާދީ ދުވެލި ހުންނާނެ މިންވަރު ދެނެގަންނަ ސާވޭއެކެވެ.

މި ސާވޭގައި ބައިވެރިވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކެވެ.

ތިންވަނަ ކުއާޓަރުގެ ސާވޭ ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރު 25 އިން މިމަހުގެ ހަވަނަ ދުުވަހުގެ ނިޔަލަށެވެ. މި ސާވޭގެ ސުވާލުތައް ރާއްޖޭގެ ބޮޑެތި 174 ވިޔަފާރިއަކަށް ފޮނުވި ނަމަވެސް ސާވޭގައި ބައިވެރިވެފައިވަނީ 99 ވިޔަފާރިއަކުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.