ލާހޯރު (އޮކްޓޯބަރު 26) : ކޮރަޕްޝަންގެ ކުށް ސާބިތުވެގެން ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް، ކަފާލާތު ދަށުން މިނިވަންކުރުމަށް ލާހޯރުގެ ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

އެކޯޓުން ކަފާލާތުގެ ދަށުން ނަވާޒް ޝަރީފް މިނިވަން ކުރުމަށް ހުކުމްކުރީ އޭނާގެ ސިއްހީ ހާލުކޮޅަށް ރިޢާޔަތްކޮށްގެންނެވެ. ނަވާޒް ޝަރީފް ޖަލުގައި ހުންނެވުމުން ހާލުކޮޅު އިތުރަށް ގޯސްވާނެ ކަމަށް ޑޮކްޓަރުންވަނީ ލަފާ ދެއްވައިފަ އެވެ. ޑޮކްޓަރުން މިގޮތަށް ލަފާދެއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު ނަވާޒް ޝަރީފް ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެންނެވެ. އެޑްމިޓްކުރީ، ހިތްޕުޅުގެ ހިނގުން ދަށްވުމުގެ ސަބަބުންނެވެ. ނަވާޒް ޝަރީފް އަދި ވެސް އޮންނެވީ ސީރިޔަސް ހާލަތެއްގައި އައިސީޔޫގައި ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަވާޒް ޝަރީފުގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަންގެ މައްސަލާގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެގެން އޭނާގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ވެސް ގެންދަވަނީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. މަރްޔަމް ނަވާޒް ވެސް ވަނީ ލޭގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން މިދިޔަ ހަފްތާގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. މަރްޔަމް ނަވާޒުގެ ހާލުކޮޅު ދެރަވީ އޭނާގެ ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅުވަންދެން ބައްޕާފުޅުގެ އަރިހުގައި ހޮސްޕިޓަލުގައި ހުންނެވުމުގެ ފުރުސަތު އޭނާއަށް ދިނުމަށް ކޯޓުން ދެކޮޅު ހެދުމާއެކު މާބޮޑަށް ހިތާމަ ކުރެއްވުމުގެ ސަބަބުންކަމަށްވެ އެވެ.

އެ ދެބަފައިންގެ ސިއްޙީ ހާލުކޮޅަށް ރިއާޔަތްކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވެސް މިހާރު ވަނީ އެކަން އެގޮތަށް ހަމަޖައްސައި ދިނުމަށް ކޯޓުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ކަފާލާތުގެ ދަށުން ނަވާޒް ޝަރީފް މިނިވަންކުރެއްވުނު ނަމަވެސް، ސިއްހީ އިތުރު ފަރުވާއަށް ޓަކައި ގައުމުން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޭނާއަށް ދޭނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ. ނަވާޒް ޝަރީފުގެ ވަކީލުންވަނީ އެކަމަށް އެދިފަ އެވެ. އުމުރުފުޅުން 69 އަހަރުގެ ނަވާޒް ޝަރީފަކީ މީގެ ހަތަރު އަހަރުކުރިން ލަންޑަންގެ ހޮސްޕިޓަލެއްގައި ހިތްޕުޅުގެ ބައިޕާސް އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)