26 Oct 2019, 10:01
މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ހޯދަން އިއުލާން ކުރި އިރުފާން ރުޝްދީ ހާލުގައި ޖެހިގެން އެމްއެންޑީއެފްގެ އެހީއަށް އެދުނު ލޯންޗެއްގައި ހުއްޓައި ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.
މ. ކުރިރުއްގޭ، އިރުފާން ރުޝްދީއަކީ، މާރާމާރީއެއްގެ މައްސަލައިގައި ހޯދަން ބޭނުންވެ، ފިލައިގެން އުޅޭތާ ތިން އަހަރުވެފައިވާ މީހެކެވެ.
އޭނާ ހައްޔަރު ކުރީ، ގދ. ކާޑެއްދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލު ބޭރުން ތެޔޮ ހުސްވެ، ހާލުގައި ޖެހިގެން ރޭ ފަތިހު އެމްއެންޑީއެފްގެ އެހީއަށް އެދުނު "ބުލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗްގައި އޭނާ ހުއްޓަ އެވެ.
ފުލުހުން ބުނީ، ހާލުގައި ޖެހިގެން ސިފައިންގެ އެހީއަށް އެދުނު އެ ލޯންޗްގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ގދ. ތިނަދުއަށް އެ ލޯންޗް ގެނެސް، އޭގައި ތިބި ހަތަރު މީހުން ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ސުވާލުކުރިއިރު، އޭގެ ތެރޭގައި އިރުފާން ރުޝްދީ ހުރި ކަމަށެވެ.
އެ ހަތަރު މީހުންގެ ތެރޭގައި އެއް ބިދޭސީއަކުވެސް ހިމެނެ އެވެ. އެ އެންމެން ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މަރުތައް ބަލާ ކޮމިޝަނުން އިރުފާން ހޯދަނީ 3 ޖޫން 2016 ގައި ހިނގި މާރާމާރީއެއްގައި މަރާލި 14 އަހަރުގެ ފާތިރު މުހައްމަދު އަލީގެ މަރުގެ މައްސަލައިގައި ސުވާލު ކުރުމަށެވެ.
މަރު ކޮމިޝަނުން އިއްޔެ ހާމަކުރި ގޮތުގައި އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކަނީ އިރުފާން 2015 ވަނަ އަހަރު ރާއްޖެއިން ފުރައިގެން ދިޔަ ފަހުން އަނބުރާ ރާއްޖެ ނާންނަ ކަމަށެވެ. ނަމަވެސް، 2016 ވަނަ އަހަރު މާލޭގައި ހިނގި މާރާމާރީއެއްގެ ސީސީޓީވީ ފުޓޭޖުން އިރުފާން ފެންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.