މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް، އެކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ލިޓަސްއިން ހިލޭ ހެލްމެޓް ބަހަން ފެށި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ލިޓަސްގެ ޖަނަވަރީ މަގުގައި ހުންނަ ޝޯރޫމްގައި އެ ހަރަކާތް ފެށީ މިރޭ 8:00 ގައެވެ. ފުރަތަމަ ރޭ ވެސް އެ ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު، މިރޭ ހެލްމެޓް ބަލާ ދިޔަ މީހުންގެ ކިޔޫ ޖަނަވަރީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސްއާ ހަމައަށް ވަނީ ދަމާލާފަ އެވެ.

ލިޓަސްގެ ސީނިއާ މާކެޓިން މެނޭޖަރު އާސިފް ރަޝީދު "ސަން" އަށް ވިދާޅުވީ މިރޭ ބައިގަޑިއިރުގެ ތެރޭގައި 200 އަށްވުރެ ގިނަ ހެލްމެޓް ބަހާފައިވާ ކަމަށެވެ.

އަންގާރަ ދުވަހާ ހަމައަށް ކުރިއަށްގެންދާ އެ ހަރަކާތުގެ ދަށުން ކޮންމެ ރެއަކު ވެސް 8:00 އިން 10:00 އާ ހަމައަށް ލިޓަސްގެ ޝޯރޫމުން ހެލްމެޓް ބަހާނެ އެވެ.

އެ ހެލްމެޓްތަކުގެ އަގުތައް އުޅެނީ 400ރ އާއި 450ރ އާ ދެމެދުގަ އެވެ. ލިޓަސްއިން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.