ނިމިގެން ދިޔަ 17 ވަނަ ސާކް ސަމިޓް އެހާ ބޮޑު ހަރަދެއް ކޮށްގެން އައްޑޫ ސިޓީގައި ބޭއްވީ އިންޑިޔާ އިން އެދިގެން ކަމަށް ވެދާނެ ކަމަށާއި އެކަމުގެ ސަބަބަކީ އިންޑިޔާ އިން ގަމަށް ޝައުގުވެރިވާތީ ކަމަށް ވެދާނެ ކަމަށް ރާއްޖޭގައި ކުރިން ހުންނެވި ބަނގުލަދޭޝްގެ ހައިކޮމިޝަނަރު ސެލީނާ މުހުސިން ވިދާޅުވެއްޖެ އެވެ.

ބަނގުލަދޭޝްގެ ޑެއިލީ ސްޓާ ނޫހަށް "މީޓިންގް އޮފް އަން އީކުއަލް ޕާޓްނާސްގެ"ގެ ނަމުގައި ސެލީނާ ލިއުއްވާފައިވާ ލިއުމެއްގައިވާ ގޮތުގައި އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވީ އިންޑިޔާ އިން އެދިގެން ކަމަށް ވެދާނެކަމަށް ވިދާޅުވެ، އެކަން އެހެން ވެދާނެ ކަމަށް ބެލެވޭ ދެ ސަބަބެއް ފާހަގަ ކުރައްވާފައިވެ އެވެ.

ސާކްސަމިޓް އައްޑޫ ސިޓީގައި ބާއްވަން އިންޑިޔާ އިން ބޭނުން ވެދާނެ އެއް ސަބަބު ކަމަށް އެކަމަނާ ފާހަގަކުރައްވާފައި ވަނީ އައްޑު އަތޮޅު ގަމާ މެދު އިންޑިޔާގެ ޝައުގުވެރިކަން އޮތުމެވެ.

އަދި ވިދާޅުވެފައިވާ ގޮތުގައި ގަމުގައި ބޭހެއް ހަދަން އިންޑިޔާ އިން ދާދިފަހުން މަސައްކަތް ކުރި ނަމަވެސް އިންޑިޔާގެ ނޫސްތަކުން އެކަން ހާމަކުރުމާ ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެކަމާ މެދު ބަހުސް ކުރުމުން އިންޑިޔާ އިން ވަނީ އެކަން މަޑުޖައްސާލާފަ އެވެ. އަދި އިންޑިޔާގެ މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ ގައުމުން ގާއިމް ކުރުމަށް މަސައްކަތް ކުރުމުންދާ ރާޑަރު ނެޓްވޯކްގައި ރާއްޖެ ހިމަނައި ދާއިމީ ގޮތެއްގައި ގަމުގައި ތިބުމަށް އެ ގައުމުން ޝައުވެރި ވަނީ ކަމަށް ވެދާނެ ކަމަށް ވެސް ސެލީނާ ވިދާޅުވެފައިވެ އެވެ.
ސްޓްރެޓެޖިކް ގޮތުން ރާއްޖޭގެ މުހިއްމުކަން ބޮޑުކަމުން ޗައިނާ އާއި އިންޑިޔާ އިން ރާއްޖޭގައި އެއް ގައުމަށް ވުރެ އަނެއް ގައުމެއްގެ ބާރު ގަދަކުރުމަށް މަސައްކަތްކުރާ ކަމަށް ދުނިޔޭގެ މީޑިޔާތަކުން ދަނީ ތުހުމަތުކުރަމުންނެވެ.