25 Oct 2019, 20:39
މި ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނެ ކަމަށާއި ގާނޫނު ތަންފީޒު ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މިނިސްޓަރު މިފަދައިން ޓްވީޓެއް ކުރައްވާފައި މިވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމްއިއްޔާ އުވާލާ މިއަދު އިހުތިޖާޖެއް ކޮށްފައި ވަނިކޮށެވެ. އިހުތިޖާޖު ކުރިއަށްގެންދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އިހުތިޖާޖު ކުރިއަށްގެންގިސްފައިވަނީ ރަސްފަންނު ކައިރީއެވެ. އިިހުތިޖާޖުގެ ބައިވެރިން މަޖީދީމަގަށް ނިކުތުމުގެ ފުރުސަތު ފުލުހުންނެއް ނުދެއެވެ.
އަދި ރޭ އިދިކޮޅު ކޯލިޝަނުންވެސް ވަނީ އެމްޑީއެން އުވާލުމަށް ގޮވާލާ އެ ކޯލިޝަން ހިންގާ އޮފީސް ކުރިމަތީ އެއްވުމެއް ބާއްވައިފައެވެ. މީގެ އިތުރުން އެމްޑީއެންގައި އިސްކޮށް އުޅުނު މީހުންގެ މައުލޫމާތު ހޯދުމަށް އިދިކޮޅުން އިއްޔެ ވަނީ ޔޫތު މިނިސްޓްރީ އަށް ސިޓީ އެއްވެސް ހުށަހަޅައިފައެވެ.
އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނޭތީ އެ ޖަމިއްޔާ އުވާލުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އެމްޑީއެންގެ މައްސަލަ ފުލުހުންވެސް މިހާރު އަންނަނީ ބަލަމުންނެވެ.
އެ ރިޕޯޓާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ސަރުކާރުން ވަނީ އެ މައްސަލަ ބަލައި ނިމެދެން ވަގުތީ ގޮތުން އެމްޑީއެން ސަސްޕެންޑްކޮށްފަ އެވެ.