25 Oct 2019, 19:08
އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނައި، ރިޕޯޓުު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހައްޔަރު ކުރުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކޮށްފި އެވެ.
ބަޔަކު އިސްނަގައިގެން މިއަދު ހަވީރު އެމްއެންޑީއެންއާ ދެކޮޅަށް ބޭއްވި މުޒާހަރާ ބައްވާފައިވަނީ، ރަސްފަންނު ސަރަހައްދުގައެވެ.
ރަސްފަނުން މުޒާހަރާ ފެށި ނަމަވެސް ފަހުން މުޒާހަރާގެ ބައިވެރިން ވަނީ، މާފަންނު މަދަރުސާ ކަންމަތީ ބެރިކޭޓް ކައިރިއަށް ޖެހިލާފައެވެ. މުޒާހަރާގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކައުންސިލް މެމްބަރުންނާއި ބައެއް އެކްޓިވިސްޓުންވެސް ވަނީ ބައިވެރިވެފައެވެ.
މުޒާހާރާގެ ބައިވެރިން ގޮވާލާފައި ވަނީ، އެމްޑީއެން އުވާލާއި، އެ ޖަމިއްޔާގައި މަސައްކަތް ކުރި މީހުންނަށް ފިޔަވަޅު އެޅުމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓާލައި، ރާއްޖޭގައި އިސްލާމީ ޝަރީއަތްވެސް ގާއިމު ކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.
އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނޭތީ އެ ޖަމިއްޔާ އުވާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ދަނީ އަޑު އުފަލުމުންެވެ.
އެމްޑީއެން އުވާލުމަށް ގޮވާލާ މުޒާހަރައެއް ބޭއްވި އިރު، ރޭ އިިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ މުޒާހަރާއެއް ބާއްވާަފައެވެ.
ސަރުކާރުން އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށްފައިވާއިރު ފުލުހުން މިހާރު ދަނީ ރިޕޯޓުގެ މައްސަލަ ބަލަމުންނެވެ. އަދި ތަހުގީގު ބޭނުމަށް އެ ރިޕޯޓު ތިން ދީނީ އިލްވެރިން މެދުވެރިކޮށް އަންނަނީ ދިރާސާ ކުރަމުން އެވެ. ފުލުހުން ބުނެފައިވަނީ އެ ދިރާސީ ރިޕޯޓު ނިމުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ރިޕޯޓު ހަފްތާއެއްހާ ތެރޭ ނިމޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ރިޕޯޓުގެ ބޭނުން ބަޔަކު ދަނީ ނާޖާއިޒު ގޮތުގައި ހިފަނުނެވެ. އަދި އެކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.