25 Oct 2019, 18:53
މިއަހަރު ރާއްޖެއިން ޖުޒާމު ބަލި ޖެހިފައިވާ ތިން މީހަކު ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ގދ. ފަރެސްމާތޮޑާގައި ޖުޒާމުބަލި ފެެތުރެމުންދާކަމަށް ބުނެ އެރަށު ސިއްހީ މަރުކަޒުން އިއުލާނެއް ނެރުމަށްފަހު، ފަހުން އެ އިއުލާނު އަނބުރާ ގެންގޮސްފައި ވަނިކޮށް އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލެޕްރަސީ ނުވަތަ ޖުޒާމު ބައްޔަކީ މިހާރުވެސް ރާއްޖެއިން މަދުމަދުން ފެންނަމުންދާ ބައްޔެއް ކަމަށެވެ.
ނަމަވެސ މި ބަލި ނައްތާލުމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންވަރަށް 1997 ވަނަ އަހަރު ބަލި ރާއްޖެއިން މަދު ކުރެވިފައިވާ ކަމަށާއި ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ޖުޒާމު ބަލީގެ 3-7 މީހަކު ރާއްޖެއިން ފެނިފައިވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.
"މިއަހަރު މިހާތަނަށް ފެނިފައިވަނީ ލެޕްރަސީ ޖެހިފައިވާ ތިން މީހުންނެވެ،" އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.
އެބަޔާނުގައި ބުނީ 2030 އަންނަންވާއިރަށް ރާއްޖެއިން އެއްކޮށް ލެޕްރަސީ ނައްތާލުމަށް މިއަހަރުގެ ޖޫންމަހު "ޒީރޯ ލެޕްރަސީ" ގެ ނަމުގައި މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތުގެ ދަށުން ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ލެޕްރަސީ އަށް ސްކްރީން ކުރަން ފަށާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމު ފަރެސްމާތޮޑާގައިވެސް ފަށާފައިވާ ކަމަށާއި އެގޮތަށް ސްކްރީން ކުރަނީ އާބާދީގައި އެބަލި ހުރި މީހަކު ފެނިފައިހުރިތޯ ބަލައި، ފަރުވާ ފެށުމަށް ކަމަށް ބަޔާނުގައި ބުންޏެވެ.
ފަރެސްމާތޮޑާގައި ކުރިއަށްދާ ސްކްރީނިން ޕްރޮގްރާމުގައި ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ސިއްހީ މަރުކަޒުން ބާރުއަޅާ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފަައިވެއެވެ.
އެޗްޕީއޭގެ ބަޔާނުގައި ބުނީ ލެޕްރަސީ ބަލި ހުރިކަން ދެނެގަނެ، އަވަހަށް ފަރުވާ ފަށައި ގަވައިދުން ބޭސް ބޭނުންކުރަން ފެށުމަކީ ބަލި އެއްކޮށް ރަނގަޅުވާނެ ކަމެއް ކަމަށެވެ. ލެޕްރަސީ ބަލި ހުންނަ މީހަކު ފެނިއްޖެނަމަ ޑޮކްޓަރުންނާއި އެޗްޕީއޭގެ ބެލުމުގެ ދަށުން ފަރުވާ ފެށި، މުޅިން ރަނގަޅުވަންދެން ބެލަހައްޓާ ކަމަށާއި ބަލި މިހާގެ އާއިލާ ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް އޮޅުންފިލުވައިދީ، އޭނާގެ ރަށުގެ ސިއްހީ ހާލަތު މޮނީޓާ ކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ލެޕްރަސީ އަކީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ގިނައިން މިބަލި ފާޅުވަނީ މޫނު، ނޭފަތް، ކަންފަތް ފަދަ ތަންތަނުންނެވެ. އާންމުކޮށް މިބަލީގެ އަސަރު ހުންނަ ތަންތަނުގައި އިހްސާސެއް ނުހުރެއެވެ. މިއީ ގިނަ ބޭސް ތަކެއްދީގެން ރަނގަޅު ކުރެވޭ ބައްޔެކެވެ. މީގެ ކުރިން މިބަލި ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރުނެވެ. އޭރު ބަލިޖެހުނު މީހުންނަށް ފަރުވާދިނީ ފަޅުރަށްރަށުގައި ކަރަންޓީނު ކޮށްގެންނެވެ.