ޑިސެމްބަރު މަހު އިންޑިޔާގެ ނިއު ދިއްލީގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓް އިއްޔެ ވިއްކަން ފަށައިފިއެވެ.

މުބާރާތުގެ ޓިކެޓިންގެ އޮފިޝަލް ޕާޓްނަރަކަށް މުބާރާތް އިންތިޒާމް ކުރާފަރާތުން ހަމަޖައްސާފައި ވަނީ ކިޔަޒޮންގާއެވެ.

ސާކްގެ އަށް ޤައުމު ވާދަކުރާ މިފަހަރުގެ މުބާރާތުގެ ޓިކެޓް އިއްޔެ ވިއްކަން ފަށާފައި ވާއިރު، ޓިކެޓްގެ އަގުތައް އުޅެނީ އިންޑިޔާ ރުފިޔާއިން 150ރ. އަދި 75ރ. ގެ ރޭޓުގައެވެ. ޓިކެޓް ވިއްކަން ފަށާފައި ވަނީ އިންޑިއާގެ ވެރިރަށް ދިއްލީންނެވެ.

މިފަހަރުގެ މުބާރާތުގައި ކޮންމެ ދުވާލަކު ދެ މެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާ ގަޑިން 3:00 ޖަހާއިރު އެވެ. ދެ ވަނަ މެޗް ކުޅުމަށް ހަޖެހިފައި ވަނީ އިންޑިއާގަޑިން 6:00 ޖަހާއިރުއެވެ.

މިދިޔަ އަހަރު ކޮމެންވެލްތް ގޭމްސް ބޭއްވި ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމް ގައި މިފަހަރުގެ މުބާރާތް ބާއްވާއިރު، އެދު ވަހުގެ ފުރަތަމަ މެޗުގައި ނުކުންނަ ދެ ޓީމަކީ ބްގްލަދޭސް އާއި ޕާކިސްތާނެވެ. ދެވަނަ މެޗުގައި ނުކުންނަ ދެޓީމަކީ ރާއްޖެއާ ނޭޕާލެވެ. މިމެޗް ކުޅެނީ ރާއްޖެ ގަޑިން 5:30 ގައެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.

އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ބަންގްލަދޭޝް ގައެވެ. އެމުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ. މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.


ދެއަހަރުން އެއްއަހަރު ބާއްވާ މުބަރާތުގައި ވާދަކުރާ ޓީމުތަކަކީ އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.