25 Oct 2019, 16:57
ގދ. ފަރެސްމާތޮޑާގައި ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ފެތުރެމުންދާ ކަަމަށް ބުނެ އެއްވެސް އިއުލާނެއް ނުކުރާކަމަށް އެރަށުގެ ސިއްހީ މަރުކަޒުން ބުނެފި އެވެ.
ޖުޒާމް ބައްޔަކީ 1960 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ފެތުރެމުން ދިޔަ ބައްޔެކެވެ.
ފަރެސް މާތޮޑާ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ސޮބާހް ވިދާޅުވީ، އެފަދަ އިއުލާނެއް ނުކުރާ ކަމަށެވެ. ނަމަވެސް އެ ރަށުގައި ޖުޒާމް ބައްޔަށް ސްކްރީން ހަރަކާތެެއް ކުރިއަށް ގެންދިޔަކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ މިއަދު ދައުރުވި އިއުލާންގައި ބުނެފައިވާގޮތުގައި ޖުޒާމް ބަލި ހުންނަ މީހުން އެ ރަށުން ދަނީ ފެންނަމުންނެވެ. އަދި އެ ބަލި ކުރީކޮޅު ކޮންޓްރޯލް ކުރުމުގެ ގޮތުން ބައްޔަށް ސްކްރީން ކުރުމަށްވެސް ފަރެސްމާތޮޑާގެ މީހުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޖުޒާމް ބަލި ފަރެސްމާތޮޑާގައި ފެތުރެމުންދާއިރު 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ޖުޒާމް ބަލި އެއްކޮށް ނައްތާލާނެ މަގު ޗާޓެއް ވަނީ އެކުލަވާލާފަ އެވެ. އެ މަގު ޗާޓުގެ ދަށުން، 2027 ވަނަ އަހަރު ރާއްޖޭގައި ޖުޒާމް ބަލީގެ ޙާލަތު ދެނެގަންނާނެ ދިރާސާތައް ހަދާ 2030 ވަނަ އަހަރު އަންނަންވާއިރަށް މި ބަލި އެއްކޮށް ނައްތާލުމަށްވަނީ ކަނޑައަޅާފަ އެވެ.