ސިޔާސީ މަގާމުތަކުގައި ތިބެ، ސަރުކާރު ދިފާއު ނުކުރާނަމަ އެ މަގާމުތަކުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެެވެ.

ހަސަން ލަތީފު މިހެން ވިދާޅުވެފައި މިވަނީ، އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނައި އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ބައެއް ފަރާތްތަކުން އެ ޖަމިއްޔާ އުވާލަމުންދާ ދަނޑިވަޅެއްގައެވެ.

ހަސަން ލަތީފު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް، ސަރުކާރު ދިފާއު ކުރުމަށް ލާޒިމްވާ ކަމަށެވެ. އެކަން ނުކުރައްވާ ފަރާތްތައް މަގާމުގައި ބައްތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ކުރައްވަން ފަސް ޖެހި ވަޑައިގަންވާ ބޭފުޅުން މަގާމުތަކުގައި ތިއްބަވަން ޖެހޭ އަދި ބައިތިބަވަން ޖެހޭ ސަބަބެއް ނޯންނާނެ،" ހަސަން ލަތީފު ޓްވީޓްގައި ވިދާޅުވި އެވެ.

ހަސަން ލަތީފު މިގޮތައް ޓްވީޓް ކުރެއްވި އިރު، އެމްޑީޕީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ، އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅު ނުކުރުމަށް އެ ޕާޓީގެ މެންބަރުންނަށާއި އިންތިހާބީ މަގާމުތަކުގައި ތިއްބެވި ޕާޓީގެ ބޭފުޅުންނަށް އިލްތިމާސްކޮށްފަ އެވެ.

"އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެކަމަށްޓަކައި އެކަން ހަނދުމަފުޅުކޮށް އަރުވަމެވެ،" އެމްޑީޕީ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅުނުކުރުމަށް އެމްޑީޕީން އިލްތިމާސް ކުރި އިރު، އިސްލާމް ދީނާ ހިލާފަށް ރިޕޯޓެއް އާންމުކުރި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވައި ޝޯޝަލް މީޑިއާގައި ދަނީ ބޮޑު ކެމްޕެއިންނެއްވެސް ކުރަމުންނެވެ.

އެމްޑީޕީން މީގެ ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި، އެފަދަ ތަންތަން އުވާލުމަށް ތާއީދު ނުކުރާކަމަށެވެ.

މުޖުތަމައުގައި ނަފުރަތު އުފެދޭ ވާހަކަތައް ދެއްކުމަކީ ގައުމުގެ ހަމަ ޖެހުން ގެއްލި އަމަންއަމާން ކަމަށް ގެއްލުންވާނެ ކަމެއް ކަމަށް އެމްޑީޕީއިން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ އެ ޕާޓީން ހިތާމަ ކުރާ ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުން އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށްފައިވާއިރު ފުލުހުން މިހާރު ދަނީ ރިޕޯޓުގެ މައްސަލަ ބަލަމުންނެވެ. އަދި ތަހުގީގު ބޭނުމަށް އެ ރިޕޯޓު ތިން ދީނީ އިލްވެރިން މެދުވެރިކޮށް އަންނަނީ ދިރާސާ ކުރަމުން އެވެ. ފުލުހުން ބުނެފައިވަނީ އެ ދިރާސީ ރިޕޯޓު ނިމުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ރިޕޯޓު ހަފްތާއެއްހާ ތެރޭ ނިމޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ރިޕޯޓުގެ ބޭނުން ބަޔަކު ދަނީ ނާޖާއިޒު ގޮތުގައި ހިފަނުނެވެ. އަދި އެކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.